މިމަހުގެ ހަވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކުރި ޑާކްރެއިން އެންޓަޓެއިންމަންޓްގެ އެންމެ ފަހުގެ ފިލްމު "އަލިފާން"އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.
މިހާތަނަށް އެ ފިލްމު ބެލި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެ ފިލްމުގެ ރިވިއު އާއްމުކޮށް ފިލްމުގެ އެކި ކަންކަމަށް ތައުރީފް ކޮށްފަ އެވެ.
އެގޮތުން އެ ފިލްމުގައި ފެނިގެންދިޔަ ތަރިންގެ އެކްޓިންއާއި ޓެކްނިކަލް ކަންކަމުގެ އިތުރުން ޑައިރެކްޝަން ވެސް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.
"އަލިފާންއަކީ މިހާތަނަށް ދިވެހި ސިނަމާގައި ރިލީޒްކުރި އެންމެ ފެންވަރު ރަނގަޅު ފިލްމު" ސޯޝަލް މީޑިއާގައި ކޮމެންޓްކުރި މީހަކު ބުނެފައިވެ އެވެ.
އެހެން މީހަކު އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުނެފައިވަނީ އެ ފިލްމަކީ ދިވެހި މުޖުތަމައުގެ މިއަދުގެ ހަގީގަތް އެއްވެސް ފޮރުވުމެއް ނެތި ގެނެސްދީފައިވާ "ރިއަލިސްޓިކް" ފިލްމެއް ކަމަށާއި އެއީ ދިރިއުޅުމުގެ 90 މިނެޓް ހައްގުވާ ފިލްމެއް ކަމަށެވެ.
ރަވީ ފާރޫގު، ޝީލާ ނަޖީބު، ޝަރަފް އަބްދުﷲ އަދި މައިހާ އާދަމް މުހިއްމު ރޯލުތަކުން ފެނިގެންދާ ފިލްމު "އަލިފާން"އަކީ ދިވެހި ރާއްޖޭގެ ކުށުގެ ވެށި އޮތް ގޮތް ދައްކުވައިދޭ 18 އަހަރުން މަތީގެ އުމުރުފުރާއަށް ހާއްސަ ފިލްމެކެވެ.
"އަލިފާން"ގެ ކާމިޔާބު ޝޯތަކެއް މިހާތަނަށް ވެސް ދައްކާފައިވާއިރު މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް އެ ފިލްމު އޮލިމްޕަހުގައި ދައްކާނެ އެވެ.