ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސައިފް އަލީ ޚާންއާއި ކަރީނާ ކަޕޫރު ޚާންގެ ދޮށީ ދަރިފުޅު ތައިމުރް އަލީ ޚާން ބޮލީވުޑުން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ކަރީނާ ބުނެފި އެވެ.

ސޯހާ އަލީ ޚާންގެ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ކަރީނާ ބުނީ އެކްޓިންއާއި ޑްރާމާއަކީ ތައިމުރް އެހާ ޝައުގުވެރިވާ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ކޮންމެ އަހަރަކު ވެސް ސްކޫލުގެ އިތުރު ހަރަކާތްތައް ޚިޔާރުކުރާއިރު ޑްރާމާ ޚިޔާރުކުރަން ތައިމުރް ދެކޮޅު ހަދާ ކަމަށާއި ސަބަބެއް ކަމުގައި އެކްޓްކުރާ ހިތްނުވާ ކަމަށް ތައިމުރް ބުނާ ކަމަށް ކަރީނާ ހާމަކުރި އެވެ.

އެއާ ޚިލާފަށް ތައިމޫރްއަކީ ކްރިކެޓަށް ވަރަށް ފޯރި ހުންނަ ކުއްޖެއް ކަމަށާއި ބޮޑުވެގެން އެ ދާއިރާއިން ފެނުން ގާތް ކަމަށް ވެސް ކަރީނާ ބުނެފައިވެ އެވެ. ތައިމުރްގެ ކާފަ މަންސޫރު އަލީ ޚާންއަކީ އިންޑިއާގެ ގައުމީ ޓީމަށް ކުޅުނު ކްރިކެޓް ކުޅުންތެރިއެކެވެ.

ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ ދަރިން އެ ދާއިރާއަށް ނުކުންނަމުން އަންނަ މި ދުވަސްވަރު ކަރީނާއާއި ސައިފްގެ ދަރިންގެ ވާހަކަ ވެސް އަންނަނީ މީޑިއާގައި ދެކެވެމުންނެވެ.

އެގޮތުން ސައިފްގެ ފުރަތަމަ ކައިވެނިން އޭނާއަށް ލިބުނު ސާރާ އަލީ ޚާންއާއި އިބްރާހީމް އަލީ ޚާން މިހާރު ވެސް ވަނީ ބޮލީވުޑަށް ނުކުމެފަ އެވެ.