ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކުރުން ފާހަގަކުރުމުގެ ގޮތުން އެކުންފުނިން ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.
މިއީ ރާއްޖޭގެ މުވާސަލާތީ ކުންފުންޏަކުން މިފަދަ ކަމެއް ހާސިލްކުރި ފުރަތަމަ ފަހަރެވެ. މި ހާއްސަ އިވެންޓްގައި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އަދި ސަރުކާރުގެ އިސް ވެރިންނާއި މާލޭ ސިޓީ ކައުންސިލްގެ މެންބަރުންނާއި އެހެނިހެން ހާއްސަ ފަރާތްތައް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މީގެ އިތުރުން މި އިވެންޓްގައި ދިރާގުގެ ޑިރެކްޓަރުންގެ ބޯޑާއި ސީނިއާ މެނޭޖްމަންޓް އަދި މުވައްޒަފުން ވެސް ބައިވެރިވި އެވެ.
"މި ކާމިޔާބީއާއެކު ދިރާގުން މިހާރު ވަނީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި މުވާސަލާތީ ޑޭޓާ ނެޓްވޯކް ގާއިމްކޮށްފަ އެވެ. މިއީ، ބޮޑެތި އަދި ކުރިއަރައިފައިވާ ގައުމުތަކުގެ ތެރެއިން ވެސް ވަރަށް މަދު ގައުމަކަށް ހާސިލުކުރެވިފައިވާ ކަމެކެވެ. މީގެ ސަބަބުން މުޅި ރާއްޖޭގައި ޑިޖިޓަލް ގޮތުން އިތުރަށް ބާރުވެރި މުޖުތަމައުތަކެއް ބިނާވެ، އެ ފަރާތްތައް ޑިޖިޓަލް މުސްތަގުބަލުގައި ކުރިއެރުމުގެ ފުރުސަތުތައް ފުޅާވެގެންދާނެ އެވެ. އަދި މިއީ ސަރުކާރުން ދިވެހިރާއްޖެ "ސްމާޓް ނޭޝަން" އެއްގެ ގޮތުގައި ގާއިމުކުރުމާއި މުޅި ރާއްޖޭގައި އިންޓަނެޓް ހިދުމަތުގެ ފެންވަރު މަތިކޮށް، އަގު ހެޔޮކުރުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ވަރަށް ބޮޑު ކުރިއެރުމެއް ވެސް މެ އެވެ." ދިރާގުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ ހަގީގީ ދިވެހިރާއްޖޭގެ ގުޅުން ގާއިމްކޮށްފައިވާ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏަކީ ދިވެހިރާއްޖޭގެ ގުޅުން، ދިރާގު ކަމަށެވެ.
"އަދި، މުޅި ރާއްޖޭގަ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދީ ނިންމައި، މި ފަހުރު ދިވެހިރާއްޖެއަށް ހޯދައިދިން ކުންފުންޏަކީ ވެސް ދިރާގު. ދިރާގުން ހާސިލްކުރި މި ފާހަގަކޮށްލެވޭ ކާމިޔާބީއަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަމުގައި، އަދި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި ދިރާގަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" އިހްސާން ވިދާޅުވި އެވެ.
ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ދިރާގު ހައިސްޕީޑް ބްރޯޑްބޭންޑް ޚިދުމަތް ދީ ނިންމާލައިފައި މިވަނީ އެކަމަށް ދުރާލާ ޕްލޭން ކޮށް ގިނަ އިންވެސްޓްމެންޓްތަކަކާއި އެކު ގިނަ މަޝްރޫޢުތަކެއް ހިންގައިގެން ކަމަށެވެ.
"މީގެ ތެރޭގައި ބޭރު ގައުމުތަކާއި ރާއްޖެއާއި ދެމެދުވާ ގުޅުން، ވަރުގަދަކުރުމަށް ހިންގުނު ސަބްމެރީން ކޭބަލް ޕްރޮޖެކްތަށް އަދި ރާއްޖޭގެ އެއް ކޮޅުން އަނެއް ކޮޅަށް ދިރާގުން އަޅައިފައިވާ ސަބްމެރީން ކޭބަލް ޕްރޮޖެކްޓްތައް، އަދި މައި ނެޓްވަރކްގެ ކެޕޭސިޓީ އާއި ފެންވަރު ރަގަޅުކުރުމަށް ހިންގުނު ޕްރޮޖެކްޓްތަކާއި މީހުން އުޅޭ ރަށްތަކުގައި ފައިބަރ ނެޓްވަރކް އެޅުމަށް ފޭސްތަކަކަށް ބަހައިލައިގެން ހިންގުނު ޕްރޮޖެކްޓްތައް ހިމެނޭ. އަޅުގަނޑުމެންގެ މި ތަސައްވަރު ހަގީގަތަކަށް ހެދުމަށް ދިރާގުގެ މުވައްޒަފުން، ޕާޓްނަރުން އަދި ސްޓޭކްހޯލްޑަރުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުދަންނަވަން،" އިސްމާއީލް ރަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ދިރާގަކީ އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އަދި ވޭތުވެދިޔަ 37 އަހަރު ތެރޭގައި ދިރާގުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި އެފަރާތްތަކަށް އިތުބާރު ހުރި އަދި ޒަމާނީ ހައްލުތަކެއް ފޯރުކޮށްދެމުންނެވެ.