ކުރީ ސަރުކާރުގެ ތިން މިނިސްޓަރަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އޭސީސީން ހިންގާ ތަހުގީގަށް ހާޒިރުވާން ޗިޓު ލިބިފައިވާ ކުރީގެ މިނިސްޓަރުންނަކީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ.

މިކަމާ ގުޅިގެން ރައީސް ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ކެބިނެޓުގެ ތިން މިނިސްޓަރުން އޭސީސީއަށް ހާޒިރުކުރަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި މިއީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅަން ކުރާ ކަމެއްކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ.

މާޒީގައި ކަން ހިނގައިދިޔަ ގޮތް ހަނދުމަކުރަމުން، މިފަދަ ކަންކަމުން ދުރުވެ، އިންސާފާއި، ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ރައީސް ސޯލިހު ވަނީ ސަރުކާރަށް އިލްތިމާސްކުރައްވާފަ އެވެ.

އޭސީސީން ފައްޔާޒު އާއި އަމީރާއި އައިޝަތު އަލީ ވެސް ހާޒިރުކުރަނީ އޭރުގެ ސަރުކާރުން 2019 ގައި އުފެއްދި ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީން ބަދަލު ދިން މައްސަލައެއްގެ ތަހުގީގަށެވެ.