ސެޕްޓެންބަރު 2025 ގައި މީރާއިން ޖުމްލަ 3.01 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގެންފި އެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 30.7 ޕަސަންޓް އިތުރު އަދަދެކެވެ. އަދި، ސެޕްޓެންބަރު 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 33.7 ޕަސަންޓް އިތުރު އަދަދެކެވެ.
މީރާއިން ބުނިގޮތުގައި، ސެޕްޓެންބަރު 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ސެޕްޓެންބަރު 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ އާއި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިން ލިބުނު އާމްދަނީ އިތުރުވުމެވެ.
އަދި ރިޒޯޓުތަކުގެ ކުލީގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތުރުވުމާ ގުޅިގެންނެވެ. މިއީ، އޮގަސްޓު 2024 އާ އަޅައިބަލާއިރު އޮގަސްޓު 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 9.0 ޕަސެންޓް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ.
މީގެ އިތުރުން، 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީވެސް ސެޕްޓެންބަރު 2025 ގެ އާމްދަނީ އިތުރުވެފައިވާ ސަބަބެކެވެ.
ސެޕްޓެންބަރު 2025 އަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 33.7 ޕަސެންޓް އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ އާއި ރިޒޯޓުތަކުގެ ކުލި އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ގެ އިތުރުން އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.
ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ ސެޕްޓެންބަރު މަހު ދައްކައިފައިވުމުން، އަންދާޒާކުރި އާމްދަނީއާ އަޅައިބަލާއިރު ލިބުނު އާމްދަނީ ވަރަށް ބޮޑުތަން އިތުރުވެފައިވެ އެވެ. މި ފީއަކީ އެއްފަހަރު ދައްކާ ފީއަކަށްވުމުން، އާމްދަނީގެ އަންދާޒާތަކުގައި މި ފީ ހިމަނާފައި ނުވެ އެވެ.
މީގެ އިތުރުން، ސެޕްޓެންބަރު 2025 ގައި ލިބިފައިވާ އާމްދަނީގެ 14.9 ޕަސެންޓަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާއެވެ. މީގެ އިތުރުން، އާމްދަނީގެ 6.4 ޕަސަންޓް ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށާއި މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ.
ސެޕްޓެންބަރު 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 40.5 ޕަސެންޓް ނުވަތަ 1.22 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިންނެވެ. އެއީ 16.9 ޕަސެންޓް ނުވަތަ 507.2 މިލިއަން ރުފިޔާ އެވެ.
ރިސޯޓުތަކުގެ ކުލީގެ ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 404 މިލިއަން ރުފިޔާ (13.4 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 204.3 މިލިއަން ރުފިޔާ (6.8 ޕަސެންޓް)، ޑިޕާޗާ ޓުކުހުގެ ގޮތުގައި 199.1 މިލިއަން ރުފިޔާ (6.6 ޕަސެންޓް) އަދި ގްރީން ޓެކުހުގެ ގޮތުގައި 195.7 މިލިއަން ރުފިޔާ (6.5 ޕަސެންޓް) ބަލައިގަނެފައިވެއެވެ.
ސެޕްޓެންބަރު 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 150.25 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުންޏެވެ.