ރާއްޖެއަކީ މަސްވެރިކަމާއި ޓޫރިޒަމްގެ މައްޗަށް ބިނާވެފައިވާ އިގުތިސާދެއް އޮންނަ ގައުމެކޭ ބުނާ ކަމަށް ވަންޏާ އެދޭ ސިނާއަތް ވެސް ޒަމާނަށް ފެތޭ ގޮތަށް ބިންގާ އަޅުއްވައި ދެއްވީ ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވި ލީޑަރުކަމުގައިވާ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރުކަމާ މެދަކު ދެބަސްވެވޭކަށް ނޯންނާނެ އެވެ. ރައީސް ނާސިރު ރާއްޖޭގެ ވެރިކަމުން އިސްތިޣުފާ ދެއްވައި، ވަޑައިގެންނެވި ފަހުން އެތައް އަހަރެއްވެފައިވާ އިރު ވެސް ރާއްޖޭގެ އިގުތިސާދީ ހަރަކާތްތަކުގެ ތެރެއިން އެމަނިކުފާނު ތައާރަފު ކުރެއްވި ކަމެއް ނޫން އާ ކަމެއް ފެންނާން ނެތޭ ބުނުމަކީ ހަގީގަތާ ޚިލާފުވުން ކަމަށް ނުވާނެ އެވެ. މިއީ ރައީސް ނާސިރުގެ ވެރިކަމުގައި ރާއްޖެއަށް ތައާރަފު ކުރެއްވި އިގުތިސާދީ އެންމެ މުހިންމު ކަންކަމެވެ.

މަސްވެރިކަން

ރާއްޖެއަށް މިނިވަންކަން ލިބުނުއިރު ރާއްޖޭގެ އިގުތިސާދަށް ބޭރު ފައިސާ ވަންނަ ހަމަ އެކަނި ވަސީލަތަކީ ދިވެހި ހިކި ކަނޑުމަސް ކޮޅުނބަށް ވިއްކައިގެން ލިބޭ އެއްޗެކެވެ. ރާއްޖޭގެ މުޅި އިމްޕޯޓު ބިނާވެފައި އޮތީ އެ މަދު ފައިސާ ފޮއްޗަށެވެ. އޭރު ލަންކާގެ ސަރުކާރުން އައީ ރާއްޖޭގެ ހިކި މަސް އެ ގައުމަށް ގަތުން ހުއްޓާލުމަށް، ބަހަނާ ދައްކަމުންނެވެ. ލަންކާގެ އާ ބޮޑުވަޒީރު ސްރީމާވޯ ބަންޑާރަނަޔަކަ އޭރު ހުންނެވީ ރާއްޖޭގެ މަސް ލަންކާއަށް ވިއްކުމުގެ ފުރުސަތު ދެއްވަން ރުހިވަޑައިގެނެއް ނޫނެވެ. އެ ނާޒުކު ދަނޑިވަޅުގައި ރައީސް ނާސިރު ވިސްނެވީ ރާއްޖޭގެ އެއްވެސް މީހެއްގެ ހިތަށް އޭގެ ކުރިން ގެނެވިފައި ވެސް ނުވާ ފަދަ ތަފާތު ގޮތަކަށް ރާއްޖޭގެ ކަނޑުމަހުގެ ސިނާއަތު ބައްޓަން ކުރެއްވުމަށެވެ.

ލަންކާއިން ލިބޭ މަދު ލާރިކޮޅު ދޫކޮށްލައްވައި ނާސިރު ވިސްނެވީ ރާއްޖޭގެ މަސްވެރިކަމަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ފެށްޓެވުމަށެވެ. އެ ބޭނުމުގައި އޭރު މަސްވެރިކަމުގެ ގޮތުން ކުރިއަރާފައި އޮތް ގައުމެއް ކަމަށްވާ ޖަޕާނަށް ރާއްޖޭގެ ވަފުދެއް ފޮނުއްވިއިރު ޖަޕާނު މީހުންނަށް ރާއްޖެއަކީ ކޮން ތަނެއްކަން ވެސް ނޭނގެ އެވެ.

ޖަޕާނު ސަރުކަރާއެކު އެތައް ފަހަރެއްގެ މަތިން ދެކެވުނު ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ކަނޑު މަސް، ބޯޓުފަހަރަށް ކިރުވައިގެން ވަގުތުން އެއަށް އަގު ލިބޭ ގޮތް ހަމަޖެހުނެވެ. ހަމައެއާއެކު ރާއްޖޭގެ މަސް ދޯނި ފަހަރުގައި އިންޖީނު އަޅުއްވައި މަސްވެރިކަމަށް ބޮޑު ބަދަލެއް ގެންނެވި އެވެ. އޭގެ އިތުރުން ފެލިވަރުގައި މަސް ބަންދުކުރާ ފެކްޓްރީއެއް އުފައްދަވައި ރާއްޖޭގައި މަސްވެރިކަމުގެ ފުރިހަމަ ސިނާއަތެއް ގާއިމްކޮށްދެއްވި އެވެ.

ޓޫރިޒަމް

ޓޫރިޒަމަކީ މިއަދު ރާއްޖޭގެ އިގުތިސާދު އޭގެ މައްޗަށް ބަރޯސާވެފައި އޮތް އިގްތިސާދުގެ މައި ލޭނަރެވެ. ގައުމަށް ބޭނުންވާ ބޭރު ފައިސާގެ ބޮޑު ބަޔަކީ ޓޫރިޒަމުން ލިބޭ އެއްޗެކެވެ. ރާއްޖޭގެ ޓޫރިޒަމް ވިޔަފާރި ފެށްޓެވުމަށް ރައީސް ނާސިރު ވިސްނުންފުޅު ގެންގުޅުއްވީ އެކަމާ ރާއްޖޭގެ އެއްވެސް ބަޔަކު ނުވިސްނާ ޒަމާނެއްގަ އެވެ. އެކަމަށްޓަކައި އެމަނިކުފާނު ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ އެއީ ކުރެވިދާނެ ކަމެއްތޯ ބެއްލެވުމުގެ ދިރާސާ އެވެ. އދ. ގެ ޖަމާއަތެއް ކަމަށްވާ ޔޫއެންޑީޕީގެ އެހީގައި އެ ދިރާސާ ހިލޭ ކުރެވިދާނެތީ އެކަން ކުރެއްވުމުގައި ރައީސް ނާސިރުގެ އެންމެ މުހިންމު ބޭނުންފުޅަކަށްވީ އެފަދަ ދިރާސާއަކުން ލިބޭނެ ހުށަހެޅުންތަކެއް ބެއްލެވުމެވެ. ދިރާސާގެ ނަތީޖާ އަކަށްވީ ރާއްޖޭގައި ކާމިޔާބު ކަމާއެކު ޓޫރިޒަމްގެ ވިޔަފާރި ނުހިނގާނެ ކަމަށް ކަނޑައެޅުމެވެ. އެގޮތަށް ކަނޑައަޅައި ރާއްޖޭގައި ޓޫރިޒަމް ނުހިނގާނެ ކަމަށް ރިޕޯޓުގައި ބަޔާންކުރި ޕޮއިންޓުތައް ރައީސް ނާސިރު ފާހަގަ ކުރެއްވި އެވެ. އެއަށްފަހު އެމަނިކުފާނު ފެށްޓެވީ އެ ގޮންޖެހުންތައް ނައްތާލައްވައި، ރާއްޖެއަށް ޓޫރިޒަމް ގެނެވޭނެ ގޮތް ފުރިހަމަ ކުރެއްވުމަށެވެ. އެކަމަށްޓަކައި އެޅުއްވި ފުރަތަމަ ފިޔަވަޅަކީ ހުޅުލޭ އެއާޕޯޓު ގާއިމު ކުރެއްވުމެވެ. އެއާޕޯޓު ނިމުމާއެކު އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ރާއްޖޭގައި ޓޫރިޒަމްގެ ވިޔަފާރި ފެށްޓެވި އެވެ. ވެރިކަމުން އިސްތިޣުފާ ދެއްވިއިރު ޓޫރިޒަމް އޮތީ ރާއްޖޭގައި ރަނގަޅަށް ހިނގައިގަނެ، ގައުމުގެ އިގުތިސާދުގެ މައި ތަނބަކަށް ވުމުގެ މަގު މަތީގަ އެވެ.

މުވާސަލާތުގެ ޚިދުމަތް

ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކޮށް ކުރިޔަށް ގެންދިއުމަށް އެންމެ ބޮޑު ގޮންޖެހުމަކަށް ނާސިރަށް ފާހަގަ ކުރެވުނު އެއްކަމަކީ އެކަށީގެންވާ މުއާސަލާތީ ޚިދުމަތެއް ރާއްޖޭގައި ގާއިމުވެފައި ނެތުމެވެ. އެހެންކަމުން އެކަމަށް ހައްލު ހޯއްދެވުމަށްޓަކައި އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ކޭބަލް އެންޑް ވަޔަލެސް އާ ގުޅިގެން ރާއްޖޭގައި ޓެލެފޯންގެ ޚިދުމަތް ފެށްޓެވި އެވެ. އޭގެ އިތުރުން ރޭޑިއޯ އާއި ޓީވީގެ ޚިދުމަތް ފަށްޓަވައި ރާއްޖޭގެ މުއާސަލާތީ ގުޅުމުގެ ބިންގާ އަޅުއްވައި ސަރަހައްދީ ފެންވަރުގެ ރަނގަޅު މުވާސަލާތީ ޚިދުމަތެއް ތައާރަފު ކުރެއްވި އެވެ.

ބޭންކިން

އިގުތިސާދީ ހަރަކާތްތައް ފުރިހަމަޔަށް ގެންދިއުމަށް ބޭނުންވާނެ އެންމެ މުހިންމު އެއް ޚިދުމަތަކީ ފައިސާގެ މުއާމަލާތްތައް ހިންގުމަށްޓަކައި ބޭނުންވާ ބޭންކުގެ ޚިދުމަތެވެ. ރައީސް ނާސިރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގައި ފައިސާގެ މުއާމަލާތް ކުރުމުގެ އެކަށީގެންވާ ނިޒާމެއް ނެތެވެ. މަނިޓަރީ ޕޮލިސީއެއް ނެތެވެ. ރައީސް ނާސިރު ވަނީ ރާއްޖޭގެ ސެންޓްރަލް ބޭންކްގެ އެކުލަވައިލުމަށް ބޭނުންވާ ބިންގާ އަޅުއްވައި އެކަމަށްޓަކައި މަގު ކޮށްޓަވައިފަ އެވެ. އެމަނިކުފާނު ކުރެއްވި ޕްލޭނާ އެއްގޮތަށް ރާއްޖޭގެ މަނިޓަރީ އޮތޯރިޓީ ވުޖޫދަށް އައީ އެމަނިކުފާނު ވެރިކަމުން އިސްތިޣުފާ ދެއްވުމުގެ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

ރައީސް ނާސިރު ރާއްޖޭގެ ވެރިކަން ދޫކުރެއްވިތާ ބައިގަރުނު ވާން ކައިރިވެފައިވާއިރު، ރާއްޖެ ވަނީ ތިންވަނަ ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ވަކިވެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް އަރައިފަ އެވެ. ގައުމުގެ އިގުތިސާދު ދަނީ ބާރަށް ކުރިއަށެވެ. އިގުތިސާދުގެ ކޮންމެ ދާއިރާއަކުން ވެސް ފެންނަން އޮތީ މީގެ 50 އަހަރު ކުރިން ނާސިރު ފަށްޓަވައި ދެއްވި ކަންކަމެވެ. އިތުރު އާ ކަމެއް ނެތެވެ. ރާއްޖޭގެ އިގުތިސާދުގައި ޖަހަމުންދާ ނާސިރުގެ ވިންދަކަށް ހުއްޓުމެއް ނެތެވެ.