ފެނަކަ ކޯޕަރޭޝްންގެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލައި އޭގައި ޝާމިލްވާ މީހުން ހައްޔަރުކޮށް، ގެއްލުނު ފައިސާ އަނބުރާ ސަރުކާރަށް ހޯދުމަކީ ދައުލަތުގެ ޒިންމާއެއް ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ސަރުކާރުގައި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރެއްވި، އާދަމް ޝަރީފު ވިދާޅުވީ ފެނަކައިގެން ހިޔާނާތުގެ މައްސަލަ އޭރު ވެސް މަޖިލީހުގެ ސަމާލުކަމަށް ގެނައި ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުން ވެސް އަދި މިނިވަން މުއައްސަސާތަކުން ވެސް އަަޅާނުލީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެވަރުގެ ބޮޑު ހިޔާނާތެއް އޭރުގެ މެނޭޖިން ޑިރެކްޓަރަށް އެކަނި ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ޒިންމާއަކަށްވާން ޖެހޭނީ ފެނަކައިގެ ބޮޑު ހިޔާނާތުގައި ޝާމިލުވާ އެންމެންނާމެދު އިންސާފުވެރި ތަހުގީގެއް ހިންގައި ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އަދި މިހާ ދުވަހު އެކަމުގައި އަޅާނުލައި ތިބި މުއައްސަސާތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށާއި ގައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ފެނަކައިގެ ހިޔާނާތުގެ މައްސަލަތައް ވީހާވެސް އަވަހަށް ތަހުގީގުކުރުމަށް އަންގަވާފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންނަށް ފެނިގެންދިޔަ ފެނަކައިގެ މައްސަލަ. އެއީ ހުރިހާ ރަށެއްގައި އޮތް ކުންފުންޏެއް. މި ކުންފުންޏަށް ހަދާފައޮތީ ވަރަށް ހިތާމަވެރިގޮތެއް. އޭގަ އެއޮތީ އެތައް ސަތޭކަ މިލިޔަން ރުފިޔާގެ ވައްކަން ކޮށްފައިވާކަމަށް. މި މައްސަލަ ފުލުހުންގެ އިދާރާއިން މިހާރު ވަނީ ތަހުގީގު ކުރަން ފަށާފައި. އަންގައިފިން އޭސީސީއަށް އަދި ޕީޖީ އޮފީހަށްވެސް މި މައްސަލަ އަވަހަށް ތަހުގީގުކުރަން،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖްމަންޓުން ކޮރަޕްޝަން ހިންގާ ވާހަކަތައް އެކި ހަބަރުތަކުގެ ސުރުޚީތަކަށް ވެސް އޭރު އެރި އެވެ. ނަމަވެސް ވެރިކަން ނިމިގެންދިޔައިރު ވެސް ފެނަކައިގެ މެނޭޖްމަންޓަށް ބަދަލެއް ނާދެ އެވެ.
އޭރު ހުންނެވި މެނޭޖިން ޑިރެކްޓަރަށް ހިޔާނާތުގެ އެތައް ތުހުމަތެއް ކުރެވުނު ނަމަވެސް އެކަމުގައި އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އެ ހިޔާނާތުގެ އަދަދުތައް މިއަދު ރައްޔިތުންނަށް ހާމަވެފައި ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހާއްސަ އޮޑިޓަކުންނެވެ.
އޮޑިޓަ ޖެނެރަލް ނެރުނު ޚާއްސަ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ވައްކަމަކީ ރާއްޖޭގެ ތާރީހުގައި ދައުލަތުގެ ކުންފުންޏެއްގެ ތެރެއިން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އެއް ވައްކަމެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިން 2.2 ބިލިޔަނަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާ ކަން ހާމަވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.