ކޮވިޑް-19 އިން ރައްކާތެރިވަން ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި އަންނަ ޓޫރިސްޓުންނަށް ލުއިދޭން ނިންމައިިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އުސޫލުގައިވާ ގޮތުން މިމަހު 20 ވަނަ ދުވަހުން ފެށިގެން ޓޫރިސްޓުން ހިމެނޭ ގޮތަށް ރާއްޖެ އިން ބޭރުން އަންނަ މީހުން ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް ދެ ހަފްތާވެފައިވާ ނަމަ ޕީސީއާރު ނެގެޓިވް ޓެސްޓެއް ބޭނުމެއް ނުވާނެ އެވެ. އަދި ކަރަންޓީންވާކަށް ވެސް ނުޖެހޭނެ އެވެ.

ޓޫރިސްޓުންނަށް ހާއްސަ ލުއިތަކެއް އޮންނަ ނަމަވެސް ސިއްހީ ހިދުމަތްދޭ އެއްވެސް މަރުކަޒުތަކުގައި މަސައްކަތް ކުރާ މީހުނާއި ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުން އަދި ސުކޫލުތަކުގައި މަސައްކަތް ކުރާ މީހުން އަދި ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުން މިހާރު ވެސް އޮންނަ އުސޫލުން ޕީސީއާރު ނެގެޓިވްއެއް ޓެސްޓެއް ބޭނުންވާނެ ކަމަށް އުސޫލުގައި އޮވެ އެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ޖުލައި 15 ގައި ހުޅުވިފަހުން ރާއްޖެއަށް ޓޫރިސްޓުން އައުމުގެ 72 ގަޑިއިރު ކުރީގެ ޕީސީއާރު ނެގެޓިވްއެއް ގެންނަން ޖެހެ އެވެ. ރާއްޖޭގެ އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރުން މަތިވީނަމަވެސް ރާއްޖެ އަންނަ ޓޫރިސްޓުން މި ބައްޔަށް ޕޮޒިޓިވްވާ ނިސްބަތް ދަށެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވިފަހުން މިހާތަނަށް އައިސްފައިވަނީ 345،261 ޓޫރިސްޓުންނެވެ. އަދި މިދިޔަ އަހަރު އައިސްފައިވަނީ 555،494 ޓޫރިސްޓުންނެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު 1.5 މިލިއަން މީހުން ގެނައުމެވެ.