ޓޭލާ ސްވިފްޓްއާއި ބްލޭކް ލައިވްލީގެ ރަހުމަތްތެރިކަމަކީ އެއްއިރެއްގައި ހޮލީވުޑްގައި ފާހަގަ ކޮށްލެވުނު ރަހުމަތްތެރި ކަމެކެވެ. އެ ދެމީހުންގެ އެކުވެރިކަމަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ލިބުނެވެ.
އެހެން ނަމަވެސް ފާއިތުވި މަސްތަކުގެ ތެރޭގައި އެ ދެމީހުންގެ މެދުގައި ނުތަނަވަސްކަން އުފެދި ގުޅުން ހީނަރުވެފައިވާއިރު ވަރަށް އަވަހަށް އޮންނާނެ ކަމަށް ބެލެވޭ ޓޭލާގެ ކައިވެނިން ވެސް ބްލޭކް ނުފެންނާނެ ކަމަށް ބައެއް ހަބަރުތައް ބުނެ އެވެ.
ބްލޭކްއާއި ޖަސްޓިން ބެލްޑޯނީގެ މެދުގައި ކުރިއަށްދާ ގާނޫނީ ކޯޅުންގަނޑުގެ ތެރެއަށް ޓޭލާގެ ނަން ވަދެ ޖަސްޓިންގެ ހެއްކެއްގެ ގޮތުގައި އޭނާގެ ނަން ހުށައެޅި ހިސާބުން އެ ދެމީހުންގެ އެކުވެރިކަން ވަނީ ކުޑަވެފަ އެވެ.
އެގޮތުން މިހާރު އެ ދެމީހުން އެއްވެސް ވަރަކަށް އެކަކު އަނެކަކާ ވާހަކަ ވެސް ނުދައްކާ ކަމަށާއި އެ ގުޅުމުގައި މިހާރު އޮތީ ހަމަހިމޭންކަން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެހެން ކަމުން ޓޭލާގެ ކައިވެނީގައި އޭނާގެ ފަރާތުން ބައިވެރިވާ މީހުންގެ ތެރޭގައި ބްލޭކް ހިމެނުން ވަރަށް ދުރު ކަމަށް އޭނާއާ ގާތް ފަރާތްތަކުން ވަނީ މީޑިއާއަށް މައުލޫމާތު ދީފަ އެވެ.
ޓޭލާއާއި އޭނާގެ ބައިވެރިޔާ ޓްރެވިސް ކެލްސް ވަރަށް ފަހުން އެންގޭޖް ވެފައިވާއިރު އެ ދެމީހުންގެ ކައިވެނި އަންނަ އަހަރު ތެރޭގައި އޮންނާނެ ކަމަށް ބެލެވެ އެވެ.