މިއަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ސައްޔާރާ"އާއި 2000 ވަނަ އަހަރުގެ ފިލްމު "ކަހޯނާ ޕްޔާރުހޭ" އަޅާކިޔައި ދެކެވޭ ވާހަކަތަކަށް "ކަހޯނާ ޕްޔާރުހޭ"ގެ އެކްޓަރު އަމީޝާ ޕަޓޭލް ރައްދު ދީފި އެވެ.
އަމީޝާ ބުނީ "ސައްޔާރާ"އަކީ ވަރަށް ފެންވަރު ރަނގަޅު ފިލްމެއް ކަމަށާއި އެހެން ނަމަވެސް އޭނާގެ ފިލްމު "ކަހޯނާ ޕްޔާރުހޭ"އާ އެ ފިލްމު އަޅާނުކިޔޭނެ ކަމަށެވެ.
"ކަހޯނާ ޕްޔާރުހޭ އަކީ ލޯބީގެ ފިލްމެއް. ޓްރެޖިކް (ހިތާމަވެރި) ފިލްމެއް ނޫން" ސައްޔާރާގެ ވާހަކައަށް އަލިއަޅުވާލަމުން އަމީޝާ ބުނެފައިވެ އެވެ.
އަމީޝާ އިތުރަށް ބުނީ ބޮލީވުޑަށް އާ މޫނުތަކެއް ތައާރަފްވާންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށާއި "ސައްޔާރާ"އަކީ އެކަމަށް ރަނގަޅު ފެށުމެއް ކަމަށެވެ.
އަހާން ޕާންޑޭއާއި އަނީތު ޕައްޑާ ބޮލީވުޑަށް ތައާރަފްވި "ސައްޔާރާ"އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބުނުއިރު އަމީޝާއާއި ރިތިކް ރޯޝަންގެ ފުރަތަމަ ފިލްމު "ކަހޯނާ ޕްޔާރުހޭ"އަކީ މިހާރު ވެސް ބެލުންތެރިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ފިލްމެކެވެ.
މި ދެ ފިލްމު ވެސް ވެގެން ގޮސްފައިވަނީ އާ ތަރިންތަކަކާއެކު ބޮލީވުޑަށް ބޮޑު ބަދަލެއް ގެނުވި ދެ ފިލްމަށް ކަމަށް އެ ދާއިރާގައި އުޅޭ ފަރާތްތަކުން ބުނެ އެވެ.