ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި އިއްޔެ އެކަނި 40 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ އެވެ.

ޣައްޒާގެ ސިއްހީ ހިދުމަތްތެރިން މިކަން ހާމަކުރި އިރު، މި ސަހީދުންގެ ގިނަ އަދަދެއް ސަހީދުވެފައިވަނީ ޣައްޒާ ސިޓީގެ އުތުރު ސަރަޙައްދަށް އަމާޒުކޮށް ދެމުންދާ ނުރައްކާތެރި ހަމަލާތަކުގަ އެވެ.

ޣައްޒާ ސިޓީ އިސްތިއުމާރުކޮށް، އެތަނުގެ ރައްޔިތުން އަޅުވެތިކުރުމަށް ޔަހޫދީން ދަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކުރުމަށް ޔަހޫދީން ވަނީ ރައްޔިތުންނަށް އަމުރުކޮށްފަ އެވެ.

ނަމަވެސް ސިއްހީ ދާއިރާގެ މަސަދަރުތަކުން ފާހަގަކުރާ ގޮތުގައި، މި ވަގުތު ޣައްޒާގައި ރައްޔިތުންނަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އެއްވެސް ސަރަހައްދެއް ނެތެވެ.

ޔަހޫދީ ފައުޖުގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން، ފާއިތުވި ހަފުތާގެ ތެރޭގައި ޣައްޒާ ސިޓީގެ 500 އަށްވުރެ ގިނަ ސަރަޙައްދަށް ފަސް ފަހަރެއްގެ މަތިން ވަރުގަދަ ޙަމަލާތަކެއް ދީފައިވެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހަމާސް ޖަމާޢަތުގެ މުޖާހިދުންނަށް ކަމަށް ޔަހޫދީން ބުނެއެވެ. މި ހަމަލާތަކުގައި ޢާންމުން ދިރިއުޅުނު ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ބިމާ ހަމަކޮށްލާފައެވެ.

ޣައްޒާގެ ސިއްހީ އިދާރާގެ އޮފިސަލުން ހާމަކުރި ގޮތުގައި، ރަށް ދޫކޮށް އެހެން ސަރަޙައްދުތަކަށް ހިޖުރަކުރަމުންދިޔަ މީހުންނަށް ވެސް ޔަހޫދީންގެ ހަމަލާތައް އަމާޒުވެފައިވެ އެވެ. މަދަނީ ޖަމުއިއްޔާތަކުގެ އިއްތިހާދުން ބުނާ ގޮތުގައި، ޣައްޒާ ސިޓީގެ މިލިޔަނެއްހާ އާބާދީގެ ތެރެއިން 10 ޕަސެންޓް މީހުން ވަނީ އެހެން ސަރަޙައްދުތަކަށް ހިޖުރަކޮށްފަ އެވެ.

ޣައްޒާ ސިޓީ އިސްތިއުމާރުކުރުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ މެދު ބައިނަލްއަގްވާމީ މުޖުތަމަޢުގެ ނުރުހުން ވަނީ އިތުރުވެފައެވެ. އެކުވެރި ދައުލަތްތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގެ އިތުރުން ޔަހޫދީންގެ އެކުވެރި ގައުމުތަކުން ވެސް ދަނީ މި ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ގޮވާލަމުންނެވެ.

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުގައި މިހާތަނަށް 64,000 އަށްވުރެ ގިނަ މީހުން ސަހީދުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ. އަދި 158,000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމުވެފަ އެވެ.