ޓެލެވިޒަން އެންޓެޓައިންމަންޓް ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އެމީ އެވޯޑްސްގެ މިއަހަރުގެ ހަފްލާ މިރޭ އޮންނާނެ އެވެ.

77 ވަނަ ޕްރައިމްޓައިމް އެމީ އެވޯޑްސް އޮންނާނީ ރާއްޖެ ގަޑިން މިރޭ ފަތިހު 05:00ގައި ލޮސް އެންޖެލަސްގެ ޕީކޮކް ތިއޭޓަރުގައި ކަމަށް ހަބަރުތައް ބުނެ އެވެ.

މިއަހަރުގެ ހަފްލާ ކޮމީޑިއަން ނޭޓް ބާރްގޭޓްސް ހުށައަޅައިދޭއިރު އޭނާގެ އިތުރުން ވެސް ދާއިރާގެ ނަން މަޝްހޫރު ބައެއް މޫނުތައް އޭނާއާ ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ޖެނާ އޯޓެގާ، ސްޓެފަން ކޮލްބާޓް އަދި ޖޫޑް ލޯ ހިމެނެ އެވެ.

މި އެވޯޑް ހަފްލާ ބަލަން ބޭނުންވާ ފަރާތްތަކަށް ޕެރަމައުންޓް ޕްލަސްއިން ލައިވް ސްޓްރީމް ކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނާއިރު ކޭބަލް ޓީވީއިން އެ ހަފްލާ ފެންނާނީ ސީބީއެސް ޗެނަލްއިންނެވެ.

މިއަހަރުގެ އެމީ އެވޯޑްސް ހަފްލާގައި ވެސް އެކްޓިންއާއި ޑައިރެކްޝަންގެ އިތުރުން ޓެކްނިކަލް ދާއިރާތަކުން އެވޯޑް ދިނުމަށް ވަނީ ހަމެޖެހިފަ އެވެ.

އެމީ އެވޯޑްސް ލިބޭ ފަރާތްތައް ހޮވަނީ އެ އެވޯޑަށް ނޮމިނޭޓް ވެފައިވާ ތަރިން ހިމަނައިގެން ނެޝަނަލް އެކަޑަމީ އޮފް ޓެލެވިޒަން އާޓްސް އެންޑް ސައިންސަސްގެ މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.