އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ބަރޭލީގައި ހުންނަ ބޮލީވުޑްގެ ޒުވާން އެކްޓަރު ދިޝާ ޕަތާނީގެ ގެއަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފި އެވެ.

އިންޑިއާގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި ސައިކަލުގައި އައި ދެމީހަކު ވަނީ ދިޝާގެ ގެއަށް އަމާޒުކޮށް ދެފަހަރަށް ބަޑި ޖެހުމަށްފަހު އެ ތަނުން ފިލާފަ އެވެ.

ހުކުރު ދުވަހުގެ ފަތިހު އެ ހަމަލާ ދިން އިރު ދިޝާ ހުރީ މުމްބާއީގައި ނަމަވެސް އޭނާގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ކޮއްކޮ ހިމެނޭހެން އާއިލާގެ މެމްބަރުން އެ ވަގުތު އެ ގޭގައި ތިއްބެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް އަނިޔާވި ކަމެއް ރިޕޯޓް ކޮށްފައެއް ނުވެ އެވެ.

މި ހަމަލާގެ ރިޕޯޓް ލިބުމުން ފުލުހުން އެ ސަރަހައްދަށް ގޮސް އެ އިދާރާގެ ބެލުމުގެ ދަށަށް އެ ސަރަހައްދު ގެނެސްފައިވާއިރު އިތުރު ހަމަލާއެއް އަމާޒުވިޔަ ނުދޭން ފުލުހުން މަސައްކަތްކުރާ ކަމަށް އެފަރާތުން ބުނެ އެވެ.

އިންޑިއާގެ މަޝްހޫރު ގޭންގެއް ކަމަށްވާ ރޯިހު ގޮޑަރަ- ގޯލްޑީ ބްރާ ގޭންގުން މި ހަމަލާތަކުގެ ޒިންމާ ނަގާފައިވާއިރު އެ ގޭންގުން ބުނެފައިވަނީ އެ ހަމަލާތައް ދިނީ އެ މީހުންގެ ދީނަށް ފުރައްސާރަ ކުރުމުން ކަމަށެވެ.

"މިއީ ހަމައެކަނި ޓްރެއިލާ. އަހަރުމެންގެ ދީނަށް ފުރައްސާރަ ކުރާނަމަ އެއްވެސް މީހަކު ދުލެއް ނުކުރާނަން" ފޭސްބުކްގައި އެ ގޭންގުން އާއްމުކުރި ޕޯސްޓެއްގައިވެ އެވެ.

ދިޝާއާއި އޭނާގެ ކޮއްކޮ ވަނީ ވަރަށް ފަހުން ހިންދޫ ދީނުގައި ހާއްސަ ކަމެއް ދެވިފައިވާ ދެ ޝަހްސިއްޔަތަކަށް ކުޑައިމީސް ކުރެވޭފަދަ ގޮތަކަށް ވާހަކަ ދައްކާފައި ކަމަށް ހަބަރުތައް ބުނެ އެވެ.