މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން "ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި މިރޭ އާޓިފިޝަލް ބީޗުގައި ފޯރަމެއް ބާއްވަން ނިންމައިފި އެވެ.
ސަރުކާރުން މީޑިއާތަށް ތަޅުއަޅުވައި ހިޔާލުފާޅު ކުރުމުގެ މިނިވަކަން ނިގުޅައިގަތުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަުރު ލައްވައި މަޖލީހަށް ވަނީ ބިލެއް ހުށަހަޅާފަ އެވެ. މި ބިލާ ދެކޮޅު ހެދުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް އަންނަނީ ބާއްވަމުންނެވެ. އެގޮތުން "ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި ބާއްވާ ފޯރަމް އޮންނާނީ މިރޭ 8:45 ގައި އާޓިފިޝަލް ބީޗުގައި އެވެ.
މި ފޯރަމް އިންތިޒާމު ކުރާ އެމްޖޭއޭ އިން ބުނީ މި ފޯރަމްގައި ހިޔާލާއި ފިކުރު ކަފުން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" ގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންނަށް ކިޔައިދީ، އެކަމާ ގުޅޭ ގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބު ދެވޭނެ ކަމަށެވެ. އަދި މި ބިލުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރުތަކާ ބެހޭ މައުލޫމާތު ވެސް ހިއްސާ ކުރެވޭނެ ކަމަށް އެމްޖޭއޭ އިން ބުނެފައިވެ އެވެ.
މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ، މި ބިލާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުންނާއި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިހާތަނަށް 40 އަށްވުރެ ގިނަ މީޑިއާ އާއި 150 އަށްވުރެ ގިނަ ނޫސްވެރިންގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ވަނީ މި ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލާފަ އެވެ. އެހެން ނަމަވެސް މި ސަރުކާރުން އަންނަނީ މި ބިލު ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ.
ހޮނިހިރު ދުވަހުގެ ރޭ ބާއްވާ މި ފޯރަމަކީ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ފޯރަމެއް ކަމަށާއި، ބިލާ ގުޅޭ ގޮތުން ސުވާލު އުފެދޭ ފަރާތްތަކަށް މި ފުރުސަތުގައި ބައިވެރިވެވޭނެ ކަމަށް އެމްޖޭއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.
މި ފޯރަމް ގައި ވީހާވެސް ގިނަ ނޫސްވެރިންނާއި އާންމުން ބައިވެރިވުމަށް އެމްޖޭއޭ އިން އެދެއެވެ.