ރާއްޖެއަށް އެތެރެކޮށް، ޑިއުޓީ ނުދައްކައި ކަސްޓަމްސްއަށް ސިއްރުން ސިނގިރޭޓް ބޭރުކޮށްފައިވާ މައްސަލައެއްގައި އޭގެ ޑިއުޓީގެ ގޮތުގައި 20 މިލިއަން ރުފިޔާ ދެއްކުމަށް އަމިއްލަ ކުންފުންޏަކަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރުގެ އޭޕްރީލް 27 އަދި ޖޫން 4 ގައި ރާއްޖެއަށް އެތެރެކޮށްފައިވާ ސިނގިރޭޓަށް ޑިއުޓީ ނުދައްކައި ބޭރުކުރި މައްސަލައިގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހުށަހަޅާފައިވާ މައްސަލައެކެވެ.

އެސްޖީއެމް ޕްރައިވެޓް ލިމިޓެޑް އިން ވަނީ 430 ކޭސް އެމެރިކަން ލެޖެންޑް ބްރޭންޑުގެ ސިނގިރޭޓާއި 250 ކޭސް އަފްޒަލް މޮލްސެސް ބްރޭންޑުގެ ޕައިޕް ޓޮބޭކޯ ރާއްޖެއަށް އެތެރެކޮށް ބޮންޑުކޮށްފައިވެ އެވެ. އޭގެ ތެރެއިން 250 ކޭސް އެމެރިކަން ލެޖެންޑް ބްރޭންޑުގެ ސިނގިރޭޓާއި 130 ކޭސް އަފްޒަލް މޮލްސެސް ބްރޭންޑުގެ ޕައިޕް ޓޮބޭކޯއަށްވާ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ 20,720,412.54 ރުފިޔާ ކަސްޓަމްސްއަށް ނުދައްކައި، އެ އިދާރާއަށް ނާންގައި އެ ތަކެތި ބޭރުކޮށްފައިވާ ކަމަށް ދައުލަތުން ކުރި ދައުވާގައިވެ އެވެ.

އެ ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް އެ ކުންފުނި ކޯޓަށް ހާޒިރުކުރަން ކުރި މަސައްކަތް ކާމިޔާބުވެފައިނުވާތީ، އެ ހުކުމް ކޮށްފައި ވަނީ އެ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.

ޖޫރިމަނާގެ ފައިސާ 14 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ހުކުމްގައި އެ ކުންފުންޏަށް ވަނީ އަންގާފަ އެވެ.