މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްއާއި އޭނާގެ އާއިލާގެ މެދުގައި އޮތް ގުޅުމަކީ ވަރަށް މައްސަލަ ބޮޑު ގުޅުމެއް ކަމަށް މީޑިއާތަކަށް އެނގިފައިވެ އެވެ.
އެ ގުޅުންތައް އިތުރަށް ހީނަރުވެފައިވަނީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ބްރިޓްނީއަށް އޭނާގެ ބައްޕަ ޖޭމީ ހޯދައިދިން ގާނޫނީ ރައްކާތެރިކަން ނިމުމަކަށް އައި ހިސާބުންނެވެ.
އެ ރައްކާތެރިކަމަކީ 2008 ވަނަ އަހަރު ހިނގި ހާދިސާއަކާ ގުޅިގެން ބްރިޓްނީ މީޑިއާގެ ފަލަ ސުރުހީތަކަށް އެރުމުން އޭނާގެ ހަޔާތް އަލުން އާރާސްތު ކުރަން ޖޭމީ އެޅި ފިޔަވަޅެކެވެ.
އެހެން ނަމަވެސް ބްރިޓްނީ ވަނީ އެ ރައްކާތެރިކަމުގެ ދަށުން އޭނާގެ ދިރިއުޅުމުގެ ކަންކަން ބައްޕަ ކޮންޓްރޯލް ކުރަމުން ދިޔަ ކަމަށް ބުނެ އެ ރައްކާތެރިކަން ނިންމަން މަސައްކަތް ކޮށްފަ އެވެ.
އެގޮތުން 2021 ވަނަ އަހަރު އޮތް ޝަރީއަތަކަށްފަހު އެ ގާނޫނީ ރައްކާތެރިކަން ނިމުމަކަށް އައިއިރު ބްރިޓްނީ ވަނީ އޭނާ މިނިވަންވީ ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ.
އޭގެ ފަހުން ބްރިޓްނީއާއި އޭނާގެ ބައްޕަގެ މެދުގައި ނުތަނަވަސްކަން އުފެދުނުއިރު މިހާތަނަށް ވެސް އެ މީހުން ވާހަކަ ނުދައްކާ ކަމަށް ބުނެވެ އެވެ. އެއާއެކު ބްރިޓްނީ ހުރީ އޭނާގެ އާއިލާއަށް މައާފުކުރާ ހިޔާލެއްގައި ނޫން ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެ އެވެ.
ބްރިޓްނީއާއި އޭނާގެ އާއިލާގެ ގުޅުން މިއަދާ ހަމައަށް ވެސް ރަނގަޅުވެފައި ނުވާއިރު ބްރިޓްނީ އަންނަނީ މިނިވަން ކަމާއަކު އޭނާގެ ދިރިއުޅުމުގެ ކަންކަން ނިންމަމުންނެވެ.