ދިރާގުން އިންތިޒާމްކޮށްގެން ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިންގް ކާމިޔާބުކަމާއެކު ރާއްޖޭގައި ބާއްވައިފި އެވެ.

މި މަހުގެ ހަތަކުން މިއަދުގެ ނިޔަލަށް މާލޭގައި ކުރިއަށް ދިޔަ މި ބައްދަލުވުންތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މުހިންމު ސްޓޭކްހޯލްޑަރުން ބައިވެރިވެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ ކުރިމަގާއި ރާވައިފައިވާ ކަންކަމާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމަކީ ދެކުނު އިރުމަތީ އޭޝިއާ، މެދު އިރުމަތި އަދި ހުޅަނގު ޔޫރަޕް ގުޅުވައިދޭ ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ މުހިންމު އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓެކެވެ. މި ޒަމާނީ ކޭބަލް ސިސްޓަމްގެ ސަބަބުން ހައި ސްޕީޑް އިންޓަރނެޓް އަދި ފެންވަރު ރަނގަޅު މުވާސަލާތީ ހިދުމަތްތައް އެތައް މިލިއަން ބަޔަކަށް ލިބޭނެ އެވެ.

މި ގޮތުން، ދިރާގުގެ މި ބޮޑު އިންވެސްޓްމެންޓްގެ ސަބަބުން ދެކުނު އޭޝިއާ، މެދު އިރުމަތި އަދި ޔޫރަޕްގެ މުހިންމު އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކުގެ ހިދުމަތްތައް ރާއްޖެއަށް ލިބި ޑިޖިޓަލް އިގްތިސާދައް ބޭނުންވާ މުހިންމު ހިދުމަތްތައް ލިބޭނެ އެވެ.

ސީ-މީ-ވީ 6 ކޮންސޯޓިއަމްގެ ބައިވެރިންނަށް މަރުހަބާ ކިއުމަށް ބޭއްވި ހާއްސަ ހަފްލާގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ ވަނީ މި ކޮންސޯޓިއަމްގެ ބައިވެރިންގެ އަގުހުރި މަސައްކަތް ފާހަގަކުރައްވައި އެ ފަރާތްތަކުން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ. މީގެ އިތުރުން މި ޕްރޮޖެކްޓަކީ ދިރާގުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ޕްރޮޖެކްޓެއްކަން ފާހަގަކުރައްވައި، މި ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކުރިއަރައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އިގްތިސޯދު އިތުރަށް ތަރައްގީކުރުމަށް މަގުފަހިވާނެ އެވެ.

ސީ-މީ-ވީ 6 ކޮންސޯޓިއަމްގައި ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތައް ހިމެނެއެވެ. މި ކޮންސޯޓިއަމްގެ ތެރޭގައި ހިމެނޭ ކުންފުނިތަކުގެ ތެރޭގައި، ބިޔޯން ބީއެސްސީ (ބަޓެލްކޯ، ބަހްރެއިން)، ބަންގްލަދޭޝް ސަބްމެރިން ކޭބަލްސް ޕްރައިވެޓް ލިމިޓެޑް (ބީއެސްސީސީއެލް، ބަންގްލަދޭޝް)، ބާރްތީ އެއަރޓެލް ލިމިޓެޑް (އިންޑިއާ)، ޗައިނާ ޔުނައިޓެޑް ނެޓްވޯކް ކޮމިއުނިކޭޝަންސް ގްރޫޕް ކޮމްޕެނީ ލިމިޓެޑް (ޗައިނާ ޔުނިކޮމް)، ޖިބޫޓީ ޓެލެކޮމް، މައިކްރޮސޮފްޓް (އެމެރިކާ)، މޮބިލީ (ސައޫދީ އަރަބިއްޔާ)، އޮރެންޖް (ފްރާންސް)، ޕީސީސީޑަބްލިއު ގްލޯބަލް، ސިންޓެލް (ސިންގަޕޫރު)، ސްރީލަންކާ ޓެލެކޮމް، ޓެލެކޮމް އިޖިޕްޓް، ޓެލެކޮމް މެލޭޝިއާ، ޓެލިން (އިންޑޮނޭޝިއާ) އަދި ޓްރާންސް ވޯލްޑް އެސޯސިއޭޓްސް (ޕާކިސްތާން) ހިމެނެ އެވެ.