ބޮލީވުޑްގެ އެންމެ ފުންނާބު އުސް ތިން ތަރިން ކަމަށްވާ ޝާހްރުކް ޚާންއާއި ސަލްމާން ޚާން އަދި އާމިރު ޚާން އެކުގައި އެއް ފިލްމަކުން ފެންނާނެކަން ޔަގީންވެއްޖެ އެވެ.

ޝާހްރުކް، ސަލްމާން އަދި އާމިރު އެކުގައި ފެނިގެންދާނީ ޝާހްރުކް ޚާންގެ ދަރިފުޅު އެންމެ ފުރަތަމަ ޑައިރެކްޓްކުރާ ފިލްމު "ބޭޑޭސް އޮފް ބޮލީވުޑް"އިންނެވެ.

އެ ތިން ތަރިންގެ ނަން އެކުގައި ޖަހާފައިވާ ވެނިޓީ ވޭންއެއްގެ ވީޑިއޯތައް އާއްމުވެފައިވާއިރު ބެލެވޭ ގޮތުގައި ތިން ތަރިން ވެސް މިހާރު ވަނީ ފިލްމުގެ ޝޫޓިން ފަށާފަ އެވެ.

ޝާހްރުކް، ސަލްމާން އަދި އާމިރުއަކީ މީގެ ކުރިން ކެމެރާ ކުރިމަތިން އެކުގައި ފެނިފައިނުވާ ބައެއް ނަމަވެސް ކެމެރާގެ ފަހަތުގައި އެމީހުންގެ ގުޅުން ވަރަށް ރަނގަޅެވެ.

ޝާހްރުކް، ސަލްމާން އަދި އާމިރުގެ ތެރެއިން ދެ ތަރިން އެކުގައި ބައެއް ފިލްމުތަކުން ފެނިފައިވެ އެވެ. އެހެން ނަމަވެސް މިއީ ތިން ތަރިން އެކުގައި ފެންނަ ފުރަތަމަ ފަހަރެވެ.

މި ތިން ތަރިންގެ މަގުބޫލުކަމާއެކު އެމީހުން އެކުގައި ފިލްމަކުން ފެނުމަކީ އެމީހުންގެ ސަޕޯޓަރުން ކުރަމުން އައި ވަރަށް ދިގު އިންތިޒާރެކެވެ.