މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދުން ހިމެނޭހެން، ފިނޭންސް މިނިސްޓްރީއާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު އެހީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި ހިންގާ ޖައިކާއިން ދިވެހި ސަރުކާރަށް ދޭން އެއްބަސްވެފައިވަނީ 1.56 ބިލިއަން ޖަޕަނީސް ޔެން ނުވަތަ 10.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ އެވެ. އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑު ޕްލޭނިންގަ އެވެ.

ޖައިކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޓަކި މޮޓޮއޯ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން މިރާސް އެވެ.

ޖައިކާއިން ނެރުނު ބަޔާނެއްގައި ބުނީ މި އެހީގެ ދަށުން ގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެ ކަމަށެވެ.

ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ، ހާއްސަކޮށް ކާރިސާތަކުން ރައްކާތެރިވުމުގެ ގާބިލުކަން ލިބިގަތުމަށް ކުރާ މަސައްކަތުގެ އެންމެ ބޮޑު އެއް މަދަދުގާރެވެ. އެގޮތުން 1988 އިން 2006 އަށް ކުރިއަށް ގެންދެވުނު ކަނޑުތޮށިލުމުގެ މަޝްރޫއުތައް ފާހަގަކުރެވެ އެވެ.

އެ މަޝްރޫއުތަކުގެ ސަބަބުން ޑިސެމްބަރު 2004 ގައި ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި މާލެއަށް ލިބުނު ގެއްލުންތައް ކުޑަކުރެވުނުކަން މި ރަސްމިއްޔާތުގައި ޖައިކާގެ ޓަކި މޮޓޯ ވަނީ ފާހަގަކުރައްވާފަ އެވެ.

ޑިސެމްބަރު 26، 2004ގައި ރާއްޖެއަށް އެރި ސުނާމީ އާ ގުޅިގެން، ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ދިން ގައުމުތަކުގެ ތެރޭގައި ޖަޕާން ހިމެނެއެވެ.