ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4000 ފްލެޓަށް މީހުން ވެއްދުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް 3000އަށްވުރެ ގިނަ މީހުންނާއެކު އެގްރީމެންޓްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ނިމިފައިވާ ފްލެޓްތައް ލިބިފައިވާ މީހުންނަށް މި ހަފްތާގެ ތެރޭގައި ތަޅުގަނޑި ހަވާލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލެޓްތައް ހަވާލުކުރާއިރު، ފަންކާއާއި ކުޑަދޮރާއި ދޮރު ހަރުކޮށް، ޓައިލްސް ޖަހައި ކުލަ ލައި، ފާޚާނާ ތައްޓާއި މޫނު ދޮންނަ ތަށި ވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދެ ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 7000ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 1000ރ. އެވެ. ތިން ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 9000ރ. އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 1500ރ. އެވެ.
އެއީ ކޮންމެ މަހެއްގެ ވެސް 10 ގެ ކުރިން ކުލި ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އަދަދެވެ. 10 އަށްވުރެ ފަހުން ކުލި ދައްކާ ނަމަ އެއަށްވުރެ ކުލި ބޮޑުވާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުންޏެވެ.
ދެ ކޮޓަރީގެ ފްލެޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15000ރ. ދައްކަންޖެހޭއިރު، ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 25000ރ. އެވެ.