ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާންމު ކުރަން ފެށުމާއެކު ތަފާތު ވާހަކަތަކާއި ތުހުމަތުތައް ފެތުރެން މިހާރު ވަނީ ފަށައިފަ އެވެ. އެ ބަޔާންތަކަށް ބަލާއިރު ދެބަސްވެވެން ނެތް ގޮތުގައި ފެންނަން އޮތް އެންމެ ބޮޑު ހަގީގަތަކީ މެނބަރުންގެ ފަގީރު ހާލަތެވެ. އެކައުންޓުގައި ފައިސާ ފޮތްޗެއް ނެތެވެ. ދިރިއުޅުން ހަމަޖައްސަނީ ޚައިރާތުގެ ގޮތުގައި ލިބޭ އެއްޗަކުންނެވެ. އެހެންކަމުން މެންބަރުންގެ މުސާރަ ބޮޑުވާން ޖެހެ އެވެ. މެންބަރުން އެކަމަށް ވަކާލާތު ކުރައްވާތާ ވެސް ދުވަސްކޮޅެއް ވެއްޖެ އެވެ. އެހެންކަމުން މިތާގައި ބަލާލަން ގަސްދުކުރަނީ މާލީ ބަޔާނާ ގުޅިގެން ދެކެވޭ ވާހަކަތަކަށް މިސާލަކުން ރިއާޔަތް ކޮށްލެވޭތޯ އެވެ.

އެހެން ގައުމެއްގެ މިސާލެއް

އިނގިރޭސި ވިލާތުގައި އެންމެ ފަހުން ބޭއްވި އާންމު އިންތިޚާބަށް ފަހު، ވެރިކަމާ ހަވާލުވީ ލޭބަ ޕާޓީ އެވެ. އިންތިޚާބަށްފަހު ހާމަކުރި މާލީ ބަޔާނުގައި ގައުމުގެ ބޮޑު ވަޒީރަށް އެކި ގޮތްގޮތުން ލިބިވަޑައިގެންފައި ހުރި ހަދިޔާތަކެއްގެ ވާހަކަ އޮތެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ވިލާތުގެ ޕްރީމިއާ ލީގްގެ މެޗްތަކެއްގެ ވީއައިޕީ ޓިކެޓްތަކަކާއި ޓޭލާ ސްވިފްޓްގެ ޝޯތަކެއްގެ ޓިކެޓް ފަދަ ބައެއް ހަދިޔާތަކެވެ. އެ ހަދިޔާތައް ލިބިވަޑައިގެންނެވިއިރު އެއީ ޕާޓީ ލީޑަރެވެ.

ބޮޑު ވަޒީރު ކަމަށް ކޭ ސްޓާމާ ހޮވިވަޑައިގެންނެވުމާއެކު އެނެމެ ފުރަތަމަ ވެސް ފާޑުކިއުން އަމާޒުވީ އެ ހަދިޔާތަކަށެވެ. ހަދިޔާތަކުގެ މައްސަލާގައި ސްޓޭޓްމަންޓެއް ނެރުއްވަން ބޮޑުވަޒީރަށް މަޖުބޫރުވެވަޑައިގެންނެވި އެވެ. ބައެއް ހަދިޔާތައް އަނބުރާ ރައްދުކުރައްވަން ޖެހިވަޑައިގެންނެވި އެވެ.

މަޖިލީހުގެ ކޮމިޓީއަކުން ހަދިޔާ ދިން މީހުން ވެސް ތަހުގީގު ކުރި އެވެ. އޭގެ އިތުރުން ދެން ދިމާވި މައްސަލައަކީ ބޮޑުވަޒީރުގެ އަނބިކަނބަލުންނަށް ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ހެދުން ކޮޅެއްގެ ވާހަކަ އެވެ. އެކަން މައްސަލައަކަށްވީ މާލީ ބަޔާނުގައި އެ ވާހަކަ ނުހިމެނުމުންނެވެ.

ވެރިކަމާ ހަވާލުވެ ގައުމުގެ ކަންތައް ހިންގަވަން ފެށްޓެވުމުގެ ކުރިން އެމަނިކުފާނަށް ޖެހިވަޑައިގެންނެވީ އެކަންތައްތަކާ ކުރިމަތިލައްވައި އެކަށީގެންވާ ގޮތަކަށް އާންމުންނަށް ބަލައިގަނެވޭ ފެންވަރަށް މައްސަލަ ހައްލު ކުރައްވާށެވެ.

އިނގިރޭސި ވިލާތުން ލިބޭ ފިލާވަޅު

އިނގިރޭސި ބޮޑު ވަޒީރުގެ މާލީ ބަޔާނުގައި ހަދިޔާގެ ގޮތުގައި އޮތީ ފުޓްބޯޅަ މެޗްތަކެއްގެ ޓިކެޓާއި ކޮންސެޓް ޓިކެޓް ފަދަ އެއްޗެއްސެވެ. އެއިން ފައިދާ ހޯދޭ ފަދަ ހަރު މުދަލުގެ ވާހަކައެއް ނެތެވެ. އެހެން ނަމަވެސް އެއީ ވެސް ނުފޫޒު ފޯރުވިދާނެ ކަންކަން ކަމުގައި ބަލައި އެ މައްސަލަ ތަހުގީގުކުރަން ޖެހި، އެ ފައިސާ ނުވަތަ ހަދިޔާ އަނބުރާ ރައްދު ކުރައްވަން ޖެހިވަޑައިގަތީ އެވެ.

ރާއްޖޭގެ މަޖިލިސް މެންބަރުންގެ މާލީ ބަޔާނަށް ބަލާއިރު ހަދިޔާއަށް ލިބިފައި ހުރީ އަގުބޮޑު ހަރު މުދަލެވެ. އާބާދީގެ ބޮޑު ބަޔަކަށް، އެ ވާހަކަ އަޑުއިވުނަސް ތަލިން ކުޅު ހިކޭ ފެންވަރުގެ މުދަލެވެ. އޭގެ ތެރޭގައި ގެދޮރާއި ފުރާ ދުއްވާ އުޅަނދު ފަހަރު ހިމެނެ އެވެ.

ރާއްޖޭގެ ހާލަތު

މެންބަރުންގެ މާލީ ބަޔާނުގައި ހުރީ މިލިއަނުން ގުނާލެވޭ ވަރުގެ ހަދިޔާތަކުގެ ވާހަކައިގެ އިތުރުން، ލިބޭ މުސާރައާ ނުބައްދަލު ބޭންކު ބެލެންސުގެ ވާހަކަ އެވެ. މުސާރައަށް ވަނީ ކިހިނެއްތޯ އުފެދޭ ސުވާލުތަކެވެ. ކުރާ ވިޔަފާރީގެ ނަފާއަށް ވާނުވާ ނޭނގޭ މައްސަލަ އެވެ. ފައިސާ ދޮވުމާއި ގަވާއިދުތަކާއި ގާނޫނުތަކަށް އޮޅުވާލުމުގެ މުއާމަލާތްތަކެއް ހިންގާކަމުގެ ބޮޑެތި ތުހުމަތުތަކެވެ.

ކިތަންމެ ބޮޑު ތުހުމަތުތަކެއް ހުއްޓަސް ބަޔަކު ކިތަންމެ ވާހަކައެއް ދެއްކިޔަސް އެއިން ކަމަކާ އަޅާލާނެ މުއައްސަސާއެއް ރާއްޖެއަކު ނެތެވެ. އެ ވާހަކަ ލިޔާ ނޫސްވެރިންނަށް މެންބަރުން ކުރަނީ ޖެއްސުމެވެ. މުސާރައާ ނުބައްދަލު މުއްސަނދިކަން ހޯދި ގޮތް އޮޅުން ފިލުވައި ދޭން ޖެހުނުކަމުގައި ވިޔަސް އެކަން ބަލާނެ މީހެއް، ސުވާލެއް ކޮށްލާނެ މުއައްސަސާއެއް ނެތެވެ. އެހެންކަމުން މެންބަރުން އުޅެނީ "ބުޅާ ނެތް ރާއްޖެއެއްގައި ކުކުޅު، ހާ އުޅޭ" ބީދައިންނެވެ.