އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޮބެލް ސުލްހައިގެ އިނާމުގެ ހުވަފެންތައް ދެކޭތީ ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ފާޑުކިޔައިފި އެވެ.

ސަލްމާން ޓްރަމްޕަށް ފާޑު ކިޔާފައިވަނީ އޭނާ ހުށައަޅައިދޭ ޝޯ "ބިގް ބޮސް 19"ގެ ވީކެންޑް ކާ ވާރްގައި ދެއްކި ވާހަކައެއްގެ ތެރެއިންނެވެ.

އެ އެޕިސޯޑުގައި ސަލްމާން ބޮޑަށް އަލި އަޅުވާލާފައިވަނީ ބިގްބޮސްގެ ބައިވެރިންގެ މެދުގައި ހިނގަމުން އަންނަ ތަޅާފޮޅުމާއި އަރާރުންވުންތަކުގެ މައްޗަށެވެ.

ވަކި މީހެއްގެ ނަން ނުބުނެ ސަލްމާން ބުނެފައިވަނީ ދުނިޔޭގައި އެންމެ ބޮޑަށް ހައިޖާނު ފަތުރާ މީހުން ނޮބެލް ސުލްހައިގެ އިނާމު ބޭނުންވެގެން އެބަ އުޅޭ ކަމަށެވެ.

ޓްރަމްޕްގެ ނަން ނުބުނި ނަމަވެސް ސަލްމާންގެ ވާހަކައިން އޭނާ އިޝާރާތްކުރީ ޓްރަމްޕްއަށް ކަން ވަރަށް ސާފުކޮށް އެނގެ އެވެ. އެހެންކަމުން ގިނަ ބަޔަކު އަންނަނީ ސަލްމާންގެ އެ ބަހަށް ތައުރީފު ވެސް ކުރަމުންނެވެ.

ޓްރަމްޕް ވަނީ ދުނިޔޭގައި ހިނގަމުން އަންނަ ހަނގުރާމަތަކަކަށް އޭނާ ނިމުން ގެނެސްފައިވާތީ ނޮބެލް އިނާމު އޭނާއަށް ހައްގުވާ ކަމަށް ދައުވާ ކޮށްފަ އެވެ. އެގޮތުން އިންޑިއާ-ޕާކިސްތާން އަދި އިޒްރޭލް-ފަލަސްތީނުގެ މައްސަލަ ހައްލު ކޮށްފައިވާނެ ކަމަށް އޭނާ ބެނެ އެވެ.