ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ނާސިހާއި އިތުރު ދެ ބޭފުޅަކު އެ ކޮމިޝަނުގެ މެންބަރު ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

ނާސިހުގެ މެންބަރުކަމުގެ ދައުރު ވަނީ ހަމަވެފަ އެވެ. އޭނާ އަކީ މިދިޔަ ދައުރުގައި އެ ކޮމިޝަނުގައި ތިއްބެވި މެންބަރުކަމުގެ ތެރެއިން އަލުން ކޮމިޝަނުގެ މެންބަރު ކަމަށް ވަޑައިގަތް ހަމައެކަނި ބޭފުޅާ އެވެ.

ނާސިހުގެ އިތުރުން އެ ކޮމިޝަނުގެ މެންބަރު ކަމަށް ދެން އައްޔަން ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްގެ އަނބިކަނބަލުން ޑރ. ދީބާ މޫސާ އާއި ޑރ. ހުސައިން ފާއިޒެވެ.

އެ ތިން ބޭފުޅުންނަށް ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

ހުވާކުރެއްވުމަށްފަހު ހުވާގެ އިގްރާރުގައި ސޮއިކުރެއްވުމުން ރައީސް މުއިއްޒު ވަނީ އެ ތިން ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ.