ކައުންސިލްތަކަށް ބަޖެޓު ދޭ އިރު ރަށުގެ އާބާދީގެ އިތުރުން ރަށުގެ ބޮޑު މިނަށް ބަލާފައި ބަޖެޓު ކަނޑައަޅަން ނިންމެވިކަމަށް ރައީސް ރޭ އިއުލާން ކުރެވިއިރު، މިހާރުވެސް އަމަލު ކުރަމުން އަންނަނީ އެ އުސޫލުން ކަން ހާމަވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހިރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ދިނުމަށް ކަނޑައަޅާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދުވާތީ، އެއް ހަމައެއްގައި އެ ފައިސާ ދެވޭނެގޮތަށް ފިސްކަލް ފޯރމިއުލާ މުރާޖައާކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2020 ވަނަ އަހަރު ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް، ބްލޮކް ގްރާންޓްގެ އުސޫލުން ފައިސާ ދޭން ފެށީއްސުރެ، ބްލޮކް ގްރާންޓް ދިނުމަށް، ފިސްކަލް ފޯމިއުލާ ކަނޑައެޅުމުގައި ދެވަނައަށް އެންމެ ބޮޑަށް ރިއާޔަތްކޮށްފައިވަނީ ރަށުގެ ސައިޒަށްކަން ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
" އަބަދު އޮޅުވާލައި މަކަރު ހަދަން އުޅުނަސް ތީ ދެން ފުކެއް ބޮޑުވަރު" އަމީރު ނުރުހުން ފާޅުކުރައްވާ ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ. އަދި އެއާއެކު 2020 އަދި 2025ގެ ބަޖެޓް ފޮތުގައި އެކަމާއި ގުޅޭގޮތުން ހުރި ތަފްސީލުތައް ހިއްސާކުރައްވާފައިވެ އެވެ.
ސަރުކާރުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ފައިސާ ނުވަތަ ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ގާނޫނުގެ 79 ވަނަ މާއްދާގެ ހ. ގެ ދަށުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއް ބޭނުން ކޮށްގެން ދޫކުރާ ފައިސާ އެކެވެ. ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ދޭންޖެހޭ ފައިސާގެ އަދަދުތައް އޮންނަނީ ގާނޫނުގައި ވެސް ކަނޑައަޅައިފަ އެވެ.
ކުރީގެ ސަރުކާރުތަކުން ކޮށްފައި ހުންނަ ނުވަތަ ނިންމާފައި ހުންނަ ކަންކަން އާ ކަންކަމުގެ ގޮތުގައި އަލުން އިއުލާން ކުރުމަކީ މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމަށް ކުރާ ކަމެއް ކަމަށް ސިޔާސީ ފަރާތްތަކުން ތުހުމަތުކުރެ އެވެ.