ފެޝަން ޑިޒައިނިން ދާއިރާގައި އުޅޭ ފިރިހެނުންގެ އެވަރެޖް އުމުރަކީ 40 އަހަރެވެ. އަދި އެ ދާއިރާގައި ގިނައީ ދޮން ނަސްލުގެ މީހުންނެވެ. ދާދި ފަހުން ގިނަ ބަޔަކު ސިއްސުވާލީ ސައުތު އެފްރިކާގެ ކަޅު ނަސްލުގެ ފިރިހެން ކުއްޖަކު އުމުރުން އެންމެ 11 އަހަރުގައި ފެޝަން ޑިޒައިނަރަކަށް ވުމުންނެވެ.
ސައުތު އެފްރިކާގެ ޕްރިޓޯރިއާއަށް ނިސްބަތްވާ އުމުރުން 11 އަހަރުގެ އޮރަޓައިލް ޗެންޔާނޭ ދިރިއުޅެނީ މަމަލޮޑީ އީސްޓް އަވަށުގައި އޭނާގެ މަންމާ އާއި ކުޑަ އަންހެން ކޮއްކޮއާ އެކު އެވެ. އޮރަޓައިލްގެ މަންމަ ޑީނިއޯ ޗެންޔާނޭ އަކީ އާމްދަނީ ހޯދުމަށް ފެހުމުގެ މަސައްކަތް ކުރާ މީހެކެވެ. އޮރަޓައިލް ފެހުމަށް ޝައުގުވެރިވީ އޭނާގެ މަންމަ ފަހާތަން ފެނި، މަންމައަށް އެހީތެރިވެ އުޅުމުގެ ތެރެއިންނެވެ.
އުމުރުން އެންމެ 5 އަހަރުގައި އޭނާގެ ދެ އަހަރުގެ ކޮއްކޮ ރީޓުމެޓްސީ ޗެންޔާނޭ އަށް ފަހާފައި ދިން ފޮތީގެ މާ ފެނި، ފެހުމުގެ މަސައްކަތަށް އޭނާ ޝައުގު ހުންނަ ކަމަށް އޭނާގެ މަންމައަށް ފާހަގަވި އެވެ. އޮރަޓައިލް އެގޮތަށް ކުރާ ކުދިކުދި ފެހުމުގެ މަސައްކަތަކަށް އޭރު އޭނާގެ މަންމަ މާބޮޑު ސަމާލުކަމެއް ނުދެ އެވެ. އޭގެ ހަތަރު އަހަރު ފަހުން އުމުރުން 9 އަހަރުގައި ފަހަން ދަސްކޮށްދިނުމަށް އޭނާ މަންމަ ކައިރިން އެދުނެވެ.
ޑީނިއޯ އޭނާގެ ދަރިފުޅަށް ފަހަން ދަސްކޮށް ދޭން އުޅުމުގައި ފާހަގަވި އެއްކަމަކީ، އޭނާގެ ދަރިފުޅަށް އޭރު ވެސް ފެހުމުގެ ގިނަ ހުނަރު ދަސްވެފައި ވުމެވެ. އޭގެ ސަބަބުން ފަހަން ދަސްކޮށްދޭން މާ ގިނަ މަސައްކަތެއް ކުރާކަށް ނުޖެހުނެވެ.
ޕްރިޓޯރިއާގައި ހުންނަ ލެގޯރާ ޕްރައިމަރީ ސްކޫލްގެ ގްރޭޑް 5 ގައި ކިޔަވާ މި ދަރިވަރު ފެހުމުގެ މަސައްކަތް ކުރަން ވަގުތު ހޯދަނީ ކިޔެވުމާއި އެހެނިހެން ހަރަކާތްތައް ނިންމާފަ އެވެ. ހުސް ވަގުތުގައި އޭނާ އާއި އޭނާގެ ކޮއްކޮ އާންމުކޮށް ކުރާ މަސައްކަތަކީ ފެހުމެވެ. ލިބޭ ހުސް ވަގުތުތަކުގައި ކުޅުމަކީ އޮރަޓައިލް ބުނާގޮތުގައި ވަގުތު ބޭކަރު ކުރުމެވެ.
އޮރިޓައިލް ފަހާއިރު ކޮއްކޮ ރީޓުމެޓްސީ އެހީތެރި ވެދެ އެވެ. އަދި އޭނާ ޑިޒައިންކޮށް ފަހާ ހެދުންތައް ލައިގެން މޮޑެލް ކުރުމުގައި ކޮއްކޮގެ ބޮޑު އެހީތެރިކަމެއް ލިބޭކަން އޭނާ ފާހަގަކުރި އެވެ.
އޮރަޓައިލް ބުނާ ގޮތުގައި އޭނަ އާ ކަންތައްތައް ދަސްކުރާ ހިތްވެ އެވެ. ފަހާ ހިތްވެ އެވެ. އޭނާ އާންމުކޮށް ފަހައި އުޅެނީ ކުޑަކުދިންގެ ހެދުންތަކެވެ. ޚާއްސަކޮށް ނިދާ ހެދުމާއި، ސްކާޓެވެ. އޭނާއަށް އެންމެ ފަހަން ފަސޭހައީ އަންހެންކުދިންގެ ހެދުން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފިރިހެނުންގެ ހެދުން ފެހުމަށް ޚާއްސަ ވާން އޭނާ ބޭނުންވެ އެވެ.
އޭނާގެ ރީތި ފެހުންތައް ކޮންމެ ދުވަހަކު ވެސް އޭނާގެ މަންމަ ފޭސްބުކްގައި ހިއްސާކުރެ އެވެ. އެ ޕޯސްޓްތަކުން ގިނަ ބަޔަކަށް ހައިރާންކަން ލިބެނީ އެ އުމުރުގެ ކުއްޖަކާ އަޅާބަލާއިރު އޭނާގެ މަސައްކަތުގެ ފުރިހަމަ ކަމުންނެވެ. އެ ހެދުންތައް ފަހާފައި ހުންނަ ޑިޒައިންތަކުގެ ރީތި ކަމުންނެވެ.
އޭނާ ހެދުން ޑިޒައިން ކުރުމުގެ އިތުރުން ހެދުން ކެނޑުމާއި، އަދި ފަހާފޮށްޓެއް ބޭނުން ކޮށްގެން ތަފާތު ފެހުންތައް ފެހުމަށް ވަރަށް ފަރިތަ އެވެ.