ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 2900އަށްވުރެ ގިނަ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއު "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެފްޑީސީންނެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ޖުމްލަ 2955 އެއްބަސްވުމެއްގައި ސޮއިކޮށް ނިމިފައިވާކަމަށް އެފްޑީސީން ބުނެ އެވެ. މީގެއިތުރުން، ޖުމްލަ 3070 އެއްބަސްވުމެއް ތާވަލުކުރެވިފައިވާކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
މި ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ލިސްޓް އާއްމުކުރުން ލަސްވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ފްލެޓު ލިބުނު ފަރާތްތަކަށް އަންގަންފެށީ ނިމިދިޔަ ޖުލައި މަހު އެވެ.
ހައުސިން މިނިސްޓްރީން ވަނީ 3 ކޮޓަރީގެ ފްލެޓު ދިނުމުގައި އެންމެ ފުރަތަމަ އަމަލުކުރަން ނިންމާފައިވާ އުސޫލާ އެއްގޮތަށް 76 މާކްސްއަށްވުރެ މަތިން ފްލެޓު ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭން ނިންމަވާފަ އެވެ.އަދި އެފަރާތްތަކަށް ދިނުމަށްފަހު، ބާކީވާ ފްލެޓުތައް 75 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޯވޭ ފަރާތްތަކަށް ދިނުމަށް ވަނީ ނިންމަވާފަ އެވެ. އަދި 2 ކޮޓަރި ފްލެޓު ދޭން އޭރު އުސޫލުގައި ނިންމާފައިވަނީ 73 މާކްސްއިން މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.