ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެނިފާ އެނިސްޓަންއަކީ އުމުރާ އަޅާބަލާއިރު އޭނާގެ ބުރުސޫރަ ރީތިވެފައި ޒުވާން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ތަރި އެކެވެ.

90ގެ އަހަރުތަކުގައި މަޝްހޫރުވި ސީރީޒް "ފްރެންޑްސް"އިން އާއްމުންގެ މަގުބޫލުކަން ހޯދި ޖެނިފާގެ އުމުރުން މިހާރު 56 އަހަރު ވެފައިވީ ނަމަވެސް އޭނާގެ މޫނުމަތިންނާއި ހަށިގަނޑުން އެކަން ފާހަގައެއް ނުވެ އެވެ.

މިކަމުގެ ސިއްރާ ބެހޭގޮތުން ގިނަ ބަޔަކު ވާހަކަ ދައްކާއިރު އެންމެ ފަހުން ޖެނިފާ މިވަނީ އޭނާގެ ޒުވާން ކަމުގެ ސިއްރު މީޑިއާއަށް ހިއްސާ ކޮށްފަ އެވެ.

"ގްލެމާ" މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ޖެނިފާ ބުނީ އޭނާގެ ހަޔާތުގައި ކަންކަމާމެދު ދެކެނީ އަބަދުވެސް ހެޔޮކޮށް ކަމަށާއި މުސްތަގްބަލާ މެދު "ޕޮޒިޓިވިޓީ" ގެންގުޅުން ވަރަށް މުހިއްމު ކަމަށެވެ.

އޭގެ އިތުރުން އަމިއްލަ ނަފްސު ދެކެ ލޯބިވުމާއި އެހެން މީހުންނާ އަޅާ ނުކިޔުމަކީ ވެސް މުހިއްމު ކަމެއްގެ ގޮތުގައި ޖެނިފާ ސިފަކޮށްފައިވެ އެވެ.

އެއާއެކު އުމުރުން ދުވަސްވާ ވަރަކަށް އަމިއްލަ ހަށިގަނޑަށް ސަމާލުކަން ދިނުމާއި ގަވާއިދުން ކަސްރަތު ކުރުމާއި ކެއިންބުއިމަށް ފަރުވާތެރިވާން ޖެހޭ ކަން ވެސް އޭނާ ފާހަގަކުރި އެވެ.

ޖެނިފާއަކީ ގުދުރަތީ ޒުވާން ކަމަށް މަޝްހޫރު އެކްޓަރެއް ނަމަވެސް މީގެ ކުރިން ބޮޓޮކްސް ސާޖަރީ ހަދާފައިވާ ކަމަށް އޭނާ އެއްބަސްވެފައިވެ އެވެ.