ފުވައްމުލަކު އެއާޕޯޓަށް ދިމާވި މައްސަލަ ހައްލު ނުވެގެން އުޅެނިކޮށް، އެ ސިޓީ އާއި އައްޑުއާ ދެމެދު އާރްޓީއެލްގެ ހިދުމަތް ވެސް މެދުކަނޑިއްޖެ އެވެ.

ފުވައްމުލަކުން ވާހަކަދެއްކި ބައެއް މީހުން ބުނީ އެއާޕޯޓް ބަންދުކުރީ އެ ރަށަށް ދިޔުމަށްޓަކައި ފްލައިޓްގައި މީހުން ތިއްބައި ކަމަށެވެ. އަދި އެއާޕޯޓަށް ދިމާވި މައްސަލަ ހައްލު ނުވެގެން އުޅެނިކޮށް އައްޑޫއާ ދެމެދު އޮންނަ އާރްޓީއެލްގެ ހިދުމަތް ވެސް މެދުކެނޑިފައިވާ ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން ބުންޏެވެ.

"ގަން އެއާޕޯޓަށް ފްލައިޓް ޖައްސާފަ ދެން ކިހިނެތްތޯ ފުވައްމުލަކަށް ދާނީ. ބޮޑު އަގުގައި ލޯންޗެއް ހިފަން މިޖެހެނީ،" އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ފުވައްމުލަކު އެއާޕޯޓުގެ މެނޭޖަރު ހުސެއިން ޝަރީފު "ހުރިހާ"އަށް ވިދާޅުވީ އެ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ވެހިކަލްއަށް މައްސަލައެއް ދިމާވެގެން އުޅޭ ކަމަށެވެ. އަދި އެ ވެހިކަލް މަރާމާތު ކުރެވެންދެން އެއާޕޯޓު އިއްޔެއިން ފެށިގެން ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މައްސަލަ ހައްލުވާނެ އިރެއް އަދިވެސް ނޭނގެ އެވެ.

ފުވައްމުލަކަށް މޯލްޑިވިއަނުން ކޮންމެ ދުވަހަކު މަދުވެގެން ދެ ފްލައިޓް އޮޕަރޭޓްކުރެ އެވެ.