ބޮލީވުޑްގެ މަޝްހޫރު "ޕާންޑޭ" އާއިލާއަށް ނިސްބަތްވާ އަހާން ޕާންޑޭއާއި އަލާނާ ޕާންޑޭއަކީ މުނިފޫހި ފިލުވުމުގެ ދާއިރާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ ދެބެއިންނެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހާންއާއި އަލާނާ އާއްމުންގެ ލޯބި ހޯދާފައިވާއިރު ދާދި ފަހުން އަހާން ވަނީ އެ ދެމީހުންނާ ބެހޭގޮތުން ކުރިން އެނގިފައިނުވާ މައުލޫމާތެއް މީޑިއާއަށް ހާމަކޮށްފަ އެވެ.

އެގޮތުން އެ ދެބެއިންގެ އަސްލު ނަމަކީ އަހާންއާއި އަލާނާ ނޫން ކަމަށާއި ދެމީހުންގެ އަސްލު ނަމާ ބޮލީވުޑްއާ ވަރަށް ބޮޑު ގުޅުމެއް އޮންނަ ކަމަށް އަހާން ބުންޏެވެ.

އަހާންގެ އަސްލު ނަން "ޔަޝް"ގެ ގޮތުގައި ހާމަކުރިއިރު އޭނާގެ ދައްތަ އަލާނާގެ އަސްލު ނަމަކީ "ޗާންދްނީ" އެވެ. މި ދެ ނަމަކީ ވެސް ބޮލީވުޑްގެ މަޝްހޫރު ޕްރޮޑަކްޝަން ކުންފުނި "ޔަޝް ރާޖް ފިލްމްސް"އާ ގުޅުންހުރި ދެ ނަމެވެ.

އަހާންއާއި އަލާންގެ ބައްޕައަކީ ހިންދޫއަކަށް ވެފައި މަންމައަކީ ކްރިސްޓިއަންއަކަށް ވުމުން އެ ދެބެއިންނަށް ހިންދޫ ނަމަކާއި ކްރިސްޓިއަން ނަމެއް ވެސް ދީފައިވެ އެވެ. އެހެން ނަމަވެސް ދެ މީހުން ވެސް އާއްމުކޮށް ބޭނުންކުރަން ޚިޔާރުކުރީ ކްރިސްޓިއަން ނަމެވެ.

ޖުލައި މަހު ރިލީޒްކުރި "ސައްޔާރާ"އިން އަހާން ބޮލީވުޑަށް ތައާރަފްވެ އެ ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބުނުއިރު އަލާނާއަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް އިންފްލުއެންސަރެވެ.