ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ކޮމިޝަންގެ ބިލު ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ރައީސް މުހައްމަދު މުއިއްޒުއާ އެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އުޝާމް ވިދާޅުވީ އެ ބިލް އިތުރަށް ދިރާސާކޮށްގެން ކުރިއަށްދެވިދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑުމެންގެ އޮޕީނިއަންއަކީ މިހާރު މި ހުށަހަޅާއި އޮތް ބިލު އިތުރަށް ދިރާސާކުރުމަށް ފަހު ރަނގަޅުކޮށްގެން ކުރިއަށް ދެވިދާނެ ކަމަށް. އަޅުގަނޑެއް ގަބޫލެއް ނުއެއް ކުރަން ބިލު އަނބުރާ ނަގަން ޖެހޭނެ ކަމަކަަށް،" އުޝާމް ވިދާލުވި އެވެ.

ބިލް ބޭރުކޮށްލަން ނުޖެހޭ ސަބަބެއް ކަމަށް އުޝާމް ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އޮގަސްޓު، 2022 ގައި އެ އޮފީހަށް ހުށަހެޅި ޑްރާފްޓްގައި ވެސް އެ ބިލްގައިވާ ބައެއް ކަންކަން ހިމަނާފައިވާ ކަމަށެވެ. އެގޮތުން އެ ބިލްގައި ވެސް ޖޫރިމަނާކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީޑިއާ ކައުންސިލުން ހުށަހަޅާފައި ހުރި ބިލުގައި ނެތް ވަކި އެކްސްޓްރީމް ކޮން ކަމެއްބާއޭ މިހާރު މަޖިލީހަށް ހުށަހެޅިފައި މި އޮތް ބިލުގައި މި އޮތީ،" އުޝާމް ވިދާޅުވި އެވެ.

މީޑިއާ ކައުންސިލުން 2022 ވަނަ އަހަރު ހުށަހެޅި ބިލަކީ ނޫސްވެރިންގެ ހިޔާލު ކަމަށް ގަބޫލުކުރައްވާ ކަމަށް އުޝާމް ވިދާޅުވި އެވެ. ނަމަވެސް ނޫސްވެރިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ނޫސްވެރިން ބުނީ މިދިޔަ ރައްޔިތުންގެ މަޖިލީހުން ނިންމި ބައެއް ކަންކަމާ މެދު މިހާރު ހިނގަމުންދާ މަޖިލީހުން ވެސް ދެކޮޅު ކަމަށެވެ. އެހެންކަމުން އެއީ އެއިރު މީޑިއާ ކައުންސިލްގައި ތިއްބެވި މެންބަރުންގެ ހިޔާލު ކަމަށް ނޫސްވެރިން ފާހަގަކުރި އެވެ.