އަނިޔާވެރިކޮށް ނޫސްވެރިން މަރާލަން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ގޮވާލި މައްސަލަ ކުށްވެރިކުރަން އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ދެކޮޅު ހައްދަވައިފި އެވެ.

ރައީސް އޮފީސް ކުރިމަތީގައި ހަދާފައިވާ މީޑިއާ ފެންޑާގައި މިއަދު ހެނދުނު ނޫސްވެރިން ތިއްބައި އަސްވާޑާއި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ހަލީލް ވަނީ އެތަނަށް ވަޑައިގެންފަ އެވެ.

ނޫސްވެރިން ވަނީ ފަލާހުގެ ވާހަކައާ ގުޅޭގޮތުން ދެކެނީ ކީއްކޭތޯ މިނިސްޓަރު އަސްވާޑާ ސުވާލުކޮށްފަ އެވެ. ޖަވާބުގައި އޭނާ ވިދާޅުވީ އެއީ އޭނާ ދެއްކި ވާހަކައެއް ނޫން ކަމަށެވެ. އެއަށްފަހު އިތުރު އެއްވެސް އެއްޗެއް ވިދާޅުވެފައެއްނުވެ އެވެ.

"އެއީ އަޅުގަނޑު ދެއްކި ވާހަކައެއް ނޫނެއް ނޫންތޯ،" އަސްވާޑު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ހަލީލް ވެސް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަދައްކަން ދެކޮޅު ހައްދަވާފަ އެވެ.

"މަޖިލީހުގެ އެއްވެސް މެންބަރަކު ދެއްކި އެއްވެސް ވާހަކައަކަށް ކޮމެންޓެއް ކުރާކަށް ބޭނުމެއް ނޫން،" ހަލީލު ވިދާޅުވި އެވެ.

ސަރުކާރު އަޑީގައި އޮވެގެން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލެއް ހުށަހެޅުއްވުމަށްފަހު ރައީސް މުއިއްޒު އުޅެނީ އެއީ އެމަނިކުފާނަށް އެނގިވަޑައިނުގެން ހިނގިކަމެއްކަން ދެއްކުމަށް މަސައްކަތް ކުރަމުންނެވެ.