މީޑިއާ ވެސް ހިންގަން ޖެހޭނީ އިމެއްގެ ތެރެއިން އަދި ހުދޫދެއްގެ ތެރޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ނޫސްވެރިޔާ އަހުމަދު އަޒާން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ކުރިއަށް ދިޔަ މި ބިލުގެ ބަހުސްގައި ވާހަކަ ދައްކަން ފައްޓަވަމުން ވެސް އަޒާން ވިދާޅުވީ ނޫސްވެރިކަމަކީ ވެސް ވަކި އިމެއް، ހުދޫދެއް ކަނޑައެޅިގެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި މިހާރު ހުށަހެޅިފައިވާ ބިލުގެ މަގުސަދަކީ ނޫސްވެރިކަމުގެ އިން ކަނޑައެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާ ރެގިއުލޭޓު ކުރަން ތާއީދު ކުރި ނަމަވެސް އަޒާން ވަނީ ބިލުގައި ކަންބޮޑުވާން ޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު މި ކަންބޮޑުވުންތައް ހިއްސާކުރުމެއް ނެތި، އޭނާ ދައްކަވަން ފެއްޓެވީ އެމްޑީޕީ ވެރިކަމުގައި އޮތް ދުވަސްވަރު އޭނާ ފުލުހަށް ހާޒިރުކުރި ވާހަކަ އެވެ.

އެގޮތުން ފާއިތުވި ފަސް އަހަރު، 2018 އިން 2023 އަށް، މި މުއްދަތުގެ ތެރޭގައި ހަތަރު ފަހަރު ފުލުހަށް ހާޒިރުކުރި ކަމަށާއި އެއީ މީޑިއާއާ ގުޅޭ ކަންތައްތައް ކޮށްގެން، ޓްވީޓު ކޮށްގެން، ހަބަރު ލިޔެގެން ކަމަށް އަޒާން ވިދާޅުވި އެވެ.

މި ގޮތުން އޭނާގެ މައްޗަށް ތަހުގީގުކުރެވުނު އެއް މައްސަލައަކީ އުތުރުތިލަފަޅުން މާލޭ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން، އެ ތަނަށް އަރަން އުޅުނު މައްސަލަ އެވެ. އެ މައްސަލައިގައި އަޒާން އާއި އިތުރު ދެ މީހަކަށް ޓެރަރިޒަމްގެ ތުހުމަތުކޮށް، މައްސަލަ ވެސް ބަލަން ފެށި އެވެ.

މި ހާދިސާގެ ވާހަކަ ދެއްކެވުމަށްފަހު، އަޒާން ވަނީ އެމްޑީޕީ ސަރުކާގައި ސިޔާސީ ކަންކަމުގައި ހިޔާލު ފާޅުކުރުމާ ގުޅިގެން މީހުން ވަޒީފާތަކުން ވަކިކޮށް، މައްސަލަތައް ބެލި ކަން ފާހަގަކުރައްވާފަ އެވެ. އަދި، އެމްބަސީއެއް ގޮއްވާލާނެ ކަމަށް ޓްވީޓެއް ކުރި މައްސަލައިގައި، އޭނާގެ ނޫސް 'ދިޔަރެސް' އާ ދެކޮޅަށް ސަަރުކާރާއި އެމްޑީޕީން ބަޔާންތައް ނެރުނު މައްސަލަ ވެސް ފާހަގަކުރެއްވި އެވެ.

އަޒާން ވިދާޅުވީ، މި ފަދަ ގާނޫނުތައް ހަދާ އިރު، އަބަދު ވެރިކަަމުގައި ތިބޭނީ "އަޅުގަނޑުމެންގެ ޕާޓީ ނޫންކަން" ވިސްނަން ޖެހޭ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅި ގޮތަށް، ދެން ވެރިކަމަށް އަންނަ ބަޔަކު ވެސް މި ގާނޫނުގެ ނުރަނގަޅު ބޭނުން ހިފުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިވަން މީޑިއާ ނައްތާލާ ބިލުގެ ގޮތުގައި ލޭބަލްވެފައިވާ މި ބިލުގައި އަޒާންގެ ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި ކޮމިޝަނުން މައްސަލަ ބަލަން ފެށުމާ އެކީ ނޫހެއް ހުއްޓުވާލުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ ކަންތައްތަކުގެ މައްސަލަ ބެލުން ފާހަގަކުރެއްވި އެވެ. އަދި ބިލާ މެދު ގޮތެއް ނިންމުމުގެ ކުރިން ނޫސްވެރިން ހިމެނޭހެން ހުރިހާ މަސްލަހަތުވެރިން ބައިވެރިކޮށްގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން އޭނާ ގޮވާލެއްވި އެވެ.

މި ބިލަށް ޖުމްލަކޮށް ތާއީދުކުރައްވާ ކަމަށް އަޒާން ވިދާޅުވިއިރު، މިފަހުން އޭނާ ވަނީ އަލުން މާލިއްޔަތު ކޮމިޓީ އާއި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހަމަޖައްސާފަ އެވެ.