ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން މައާފަށް އެދެންޖެހޭ ކަމަށް އޭނާއާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ތަރި ޝާހްރުކް ޚާން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ފަރާ އާއްމުކުރި ޕޯސްޓެއް ޝާހުގެ ސްޓޯރީގައި ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ ފަރާ މައާފަށް އެދެން ޖެހެނީ އޭނާގެ ކައްކާގެ ސަބަބުން ކަމަށެވެ.

ފަރާގެ އެ ވީޑިއޯގައި ފެންނަނީ ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ޑައިރެކްޓްކުރާ ބޭޑްސް އޮފް ބޮލީވުޑްގެ ފުރަތަމަ ލަވަ "ބަދްލީ ސީ ހަވާ"އަށް ފަރާގެ ކައްކާ ދިލިޕް ނަށާ މަންޒަރެވެ.

އަތުން ބަދިގޭގައި ގެންގުޅޭ ހިފާ ސާމާނު ހިފައިގެން ހުރެ އެ ލަވައިގެ ޑާންސް ސްޓެޕްތައް ދިލިޕް ހަދާއިރު ފަރާއާއި އޭނާގެ އެހެން މުވައްޒަފުންތަކެއް ބަލަން ތިބެ އެވެ.

އެ ވީޑިއޯއަށް ކޮމެންޓް ކުރަމުން ޝާހްރުކް ޚާން ބުނީ އޭނާގެ ފިލްމުތައް ފަރާ ޑައިރެކްޓްކުރާތާ 20 އަހަރުވީ އިރުވެސް އެކަހަލަ ނެށުމުގެ ހަރަކާތްތައް އޭނާއަށް ދަސްކޮށް ނުދޭތީ މައާފަށް އެދެން ޖެހޭ ކަމަށެވެ.

ދިލިޕްގެ އެ ވީޑިއޯއަށް ޝާހްރުކް ޚާންގެ އިތުރުން ވެސް ބޮލީވުޑްގެ އެހެން ތަރިންގެ ސަމާލުކަން ލިބި ބައެއް ތަރިން ވަނީ ކޮމެންޓް ވެސް ކޮށްފަ އެވެ.

ފަރާގެ ކައްކާއަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބެމުން އަންނައިރު ދާދި ފަހުން ފަރާ ވަނީ ދިލިޕްއާއެކު ޗުއްޓީއަށް ރާއްޖެއަށް ވެސް އައިސްފަ އެވެ.