ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓްގެ ގޭގެ ވީޑިއޯތަކެއް އިންޓަނެޓުގައި ދައުރުވަމުން ދާތީ އޭނާ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

މުމްބާއީގައި ހުންނަ އާލިއާގެ އާ ގޭގެ ވީޑިއޯތަކެއް މިފަހުން އިންސްޓަގްރާމްއާއި ފޭސްބުކް އަދި އެ ނޫން ވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވައިރަލްވެފަ އެވެ.

އެހެން އިިމާރާތެއްގެ ތެރޭގައި ހުރެ ނަގާފައިވާ އެ ވީޑިއޯއިން އާލިއާގެ ގޭގެ އެތެރެ ވަރަށް ރީތިކޮށް ފެނިގެންދެ އެވެ. އެއީ އާލިއާއާއި އޭނާ ފިރިމީހާ ރަންބީރުގެ އިތުރުން އެމީހުންގެ ދަރިފުޅު ދިރިއުޅެމުން އަންނަ ގެއެވެ.

އާލިއާ ބުނީ މުމްބާއީ ކަހަލަ ސިޓީއެއްގައި ޖާގައިގެ ދަތިކަން ހުންނާނެކަން އެނގޭ ކަމަށާއި އެހެން ނަމަވެސް އެއީ އެހެން މީހެއްގެ ޒާތީ ކަންކަމަށް އަރައިގަތުމުގެ ހައްގު ލިބޭ ކަމެއް ނޫން ކަމަށެވެ.

https://www.instagram.com/p/DN0NN54Zk-T/?utm_source=ig_embed&ig_rid=286070af-b264-4d26-b116-1fb69a67e67d

އެ މީހެއްގެ ގޭގެ ފޮޓޯތައް އެގޮތަށް ދައުރު ކުރާނަމަ އެކަމާ އަޅާނުލައި ހިތްހަމަޖެހިގެން ހުންނާނަންތޯ ވެސް އާލިއާ ވަނީ ސުވާލު ކޮށްފަ އެވެ.

އެއާއެކު އެ ވީޑިއޯތައް ސޯޝަލް މީޑިއާއިން ނެގުމަށާއި އޭނާގެ މިނިވަންކަމަށް އިހުތިރާމް ކުރުމުން އާލިއާ ވަނީ އާއްމުންނާއި މީޑިއާ ތަކަށް ވެސް ގޮވާލާފަ އެވެ.

އާލިއާގެ އެ ބަޔާނާއެކު ގިނަ ބަޔަކު ވަނީ އޭނާގެ ދިފާއުގައި ނުކުމެފަ އެވެ. އެގޮތުން މީހެއްގެ ހުއްދައާނުލާ އެމީހެއްގެ ދިރިއުޅުން އާއްމު ކުރުމަކީ ނާތަހުޒީބު ކަމެއް ކަން ވެސް އެމީހުން ފާހަގަކުރެ އެވެ.