ކ. ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، މީހަކު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، މި ހާދިސާގައި މަރުވީ ބ. ކުޑަރިކިލު، ފިނިވާގެ، އަހްމަދު ޝިހާމެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ "ލިއޯ" ނަމަކަށް ކިޔާ ދޯންޏެއް، ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހާލައިގެން މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންއިން މިރޭ ހަރަކާތްތެރިވި ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ދޯނިން ހަ މީހުން ދަތުރުކުރި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އޭނާ ފެނުނީ، ހޯދުމުގެ މަސައްކަތަށް ތުލުސްދޫން ނުކުތް މީހުންނަށެވެ. އޭރު އޮތީ މަރުވެފަ އެވެ.
ބަންޑުން ޖަހާލައި ކަނޑުވި އެހެން މީހުންގެ ހާލު ސީރިއަސްއެއް ނޫނެވެ. ދޯނި ބަންޑުން ޖަހާލީ ފަރަކަށް އަރައިގެން ކަމަށް ވެ އެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް ފުލުހުންނާއި، ތުލުސްދޫ ކައުންސިލް އަދި އެ ރަށު ސިއްހީ މަރުކަޒުގެ ފަރާތުން އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.