ގއ. މާމެންދޫގައި މީގެ ފަސް އަހަރު ކުރިން މަރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ފެބްރުއަރީ, 2021 ގައި މާމެންދޫގައި ހިންގި މާރާމާރީއެއްގައި އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެރަށު ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ އިތުރުން އެރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށެވެ.
އޭގެ ތެރެއިން ކުށް ސާބިތުވީ ޝަމީމާއި މާޒިންގެ މައްޗަށެވެ. އުދައްޔު މަރާލުމުގައި ބައިވެރިވި ކަމަށް ބުނެ ޝަރަފްގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވި ނަމަވެސް އޭނާ އެހެން މީހަކާ މެދު މާރާމާރީ ހިންގާފައިވާތީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.
ކޯޓުގެ ހުކުމުގައިވާ ގޮތުން އުދައްޔު މަރުވި ހަމަލާ ދީފައިވަނީ އަހުމަދު މާއިޝް ޒަކީ ކިޔާ މީހަކު ނަމަވެސް، އޭނާއަށް އެހީތެރިވުމުގައި މާޒިން އާއި ޝަމީމް ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެހެންވެ، ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަން ސާބިތުވާ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
ދައުވާތައް ސާބިތުވާ ކަމަށް ނިންމުމުން, ދެން އޮންނާނީ އުދައްޔުގެ ވާރިސުންގެ ބަސް ނެގުމާއި، އަދަބާ ގުޅިގެން ވާހަކަ ދެއްކުމާއި ހުކުމް ކުރުމެވެ. އެކަމަށް އަންނަ މަހުގައި އަޑުއެހުމެއް ތާވަލްކޮށްފައިވެ އެވެ.
އެ މައްސަލާގައި އުމުރުން 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރި އެވެ. އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.