ޤައުމީދުވަހުގެ ރަސްމީ ޖަލްސާއިން މަޖިލީހުގެ ބައެއް މެންބަރުން ބާކީކޮށްފައިވާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އައްބާސް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އައްބާސް ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމަށެވެ. އަދި މަޖިލީހުގެ ހުރިހާ މެންބަރުންނަށް ގައުމީ ދުވަހުގެ ޖަލްސާއަށް ދައުވަތު ނުދޭ ކަމަށާއި ހުރިހާ މެމްބަރުންނަށް ދަޢުވަތު ދީފައި ވަނީ ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށް އެކަނި ކަމަށެވެ.

ހަމައެއާއެކު ދައުލަތުގެ ހަޒާނާއިން ބޮޑު ހަރަދުކޮށްގެން ޗާޓަރު ފުލައިޓްތަކުގައި ރައީސް މުހައްމަދު މުއިއްޒާއި، ޕީއެންސީއަށް ނިސްބަތްވާ މަޖްލިސް މެންބަރުނާއި، އަރިހުގައި ގެންގުޅުއްވާ "ސިޔާސީ އައުވާނުން" ގޮވައިގެން ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ވަޑައިގެންނެވުމަކީ ލަދުވެތި ކަމެއްކަން އައްބާސް ފާހަގަ ކުރެއްވި އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު އާއި ދައުލަތުގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

"ގައުމީ ދުވަހުގެ ހާއްސަ ޖަލްސާ އަށް، ހަރަކާތްތަކަށް 1000 ބޭފުޅުންނަށް ދައުވަތު ދެއްވިއިރު ރައްޔިތުންގެ މަޖްލީސް މެންބަރުން ބާކީ ކޮށްލުމަކީ ކުރެއްވި ވަރަށް މުޑުދާރު ދަށު ދަރަޖައިގެ އަމަލެއް،" އައްބާސް ވިދާޅުވި އެވެ.

އޭގެ އިތުރުން އައްބާސް ވިދާޅުވީ، މިއިން ދޭހަވަނީ ރައްޔިތުންގެ މަޖްލީސް މެންބަރުން ރައީސް މުއިއްޒު ގިންތި ކުރައްވާފައިވާ ނާތަހުޒީބު ގޮތް ކަމަށެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު މިއަހަރުގެ ގައުމީ ދުވަސް ރަސްމީ ފެންވަރުގައި ފާހަގަކޮށްފައި ވަނީ ހއ. އުތީމުގަ އެވެ.