ގިރާވަރުފަޅުން ގޯތި ލިބިފައިވާ އާއިލާއެއްގެ އަންހެން ކުއްޖެއް ވަރަށް އަސަރުގަދަ މެސެޖެއް ރައީސް މުހައްމަދު މުއިއްޒަށް ފޮނުވައިފި އެވެ.

"ގިރާވަރު މާލޭ ރަށްވެހިންގެ ސައްލާ"ގެ ނަމުގައި ރޭ ބޭއްވި ފޯރަމްގައި ގިރާވަރުފަޅުން ގޯތި ލިބިފައިވާ ބައެއް މީހުން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލާފަ އެވެ. އެ މީހުން ދިރިއުޅޭ ހިތްދަތި ހާލު ވަނީ ކިޔައިދީފަ އެވެ.

އެންމެ ބޮޑަށް ރޭ ފާހަގަވީ އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު ރައީސް މުއިއްޒަށް ފޮނުވި އަސަރުގަދަ މެސެޖެކެވެ. އެއީ ގިރާވަރުފަޅުން ގޯތި ލިބުނު އާއިލާއެއްގެ ކުއްޖެކެވެ.

ނަންހާމަނުކޮށް އެ ކުއްޖާ ރޭ ވަނީ ރައީސް މުއިއްޒަށް ރައްދުކޮށްދިނުމަށް އެދި އެ ހަރަކާތް އިންތިޒާމް ކުރި މީހުންނަށް މެސެޖެއް ހިއްސާކޮށްފަ އެވެ.

އެ ކުއްޖާ ބުނިގޮތުގައި އޭނާ މާލޭގައި ދިރިއުޅެމުންދަނީ 8 ފޫޓު 12 ފޫޓުގެ ކޮޓަރިއެއްގައި މަންމަ އާއި ދޮންބައްޕައާއެކު އެވެ. އެ ތިން މީހުން ނިދަނީ ވެސް އެ ކޮޓަރީގަ އެވެ. އެ ކުއްޖާ ބުނީ އެ ކުޑަ ކޮޓަރީގައި އެގޮތަށް ދިރިއުޅެން ޖެހިފައިވުމުން އެތަކެއް މައްސަލަތަކެއް ދިމާވަމުން އަންނަ ކަމަށެވެ. އެހެންވެ، ގިރާވަރުފަޅު އަވަހަށް ހިއްކައި އެ އާއިލާއަށް އެތަނުން ލިބިފައިވާ ގޯތީގައި ގެ އެޅޭނެ މަގު ތަނަވަސްކޮށްދިނުމަށް އެ އަންހެން ކުއްޖާ ރައީސް މުއިއްޒުގެ ކިބައިން އެދުނެވެ.

"އެއިރުން އަޅުގަނޑަށް ޕްރައިވަސީއެއް ލިބޭނެ،" އެ އަންހެން ކުއްޖާ ރައީސް މުއިއްޒަށް ފޮނުވި މެސެޖުގައިވެ އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު ކަމަށްވާ ގިރާވަރުފަޅާއި ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުން ވަނީ މި ސަރުކާރު އައިފަހުން ހުއްޓިފަ އެވެ.

މާލޭ ރަށްވެހިންގެ ޖަމިއްޔާ އާއި ބޯހިޔާވަހިކަމާ ގުޅޭ އެކި އެކި ޖަމިއްޔާތައް ގުޅިގެން އަންނަނީ އެ ތަންތަނުގެ ބިން ހިއްކުން އަވަސްކުރުމަށް ސަރުކާރަށް ބާރުއެޅުމުގެ ގޮތުން އެކި އެކި މަސައްކަތްތައް ކުރަމުންނެވެ.

މާލޭ ރަށްވެރިންގެ ޖަމިއްޔާގެ ރައީސް އިބްރާހީމް ޝިޔާޒް ވިދާޅުވީ ނިމިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް މުއިއްޒު އެ ޖަމިއްޔާއާ ބައްދަލުކޮށް މާލެ ސަރަހައްދުގެ ބިން ހިއްކައި ނިންމާނެ ތާރީހްތައް ދެއްވި ކަމަށެވެ. ނަމަވެސް އެ ތާރީހްތައް ފަހަނައަޅައި ދިޔައިރު ވެސް އެންމެ ކުޑަމިނުން ބިން ހިއްކުމުގެ މަސައްކަތް ފެށިފައެއްވެސް ނުވެ އެވެ.

މާލެ އާއި ބުރިޖަކުން ގުޅުވާލެވިފައިވާ މި ތަންތަން ހިއްކުމުގެ ބަދަލުގައި ސަރުކާރުގެ ފޯކަސް ހުރީ ރަސްމާލެގެ ނަމުގައި ތަރައްގީކުރަން ނިންމާފައިވާ ފުށިދިއްގަރުފަޅު ހިއްކުމެވެ. މެދުކެނޑުމަކަށްފަހު އަލުން ވަނީ އެ ފަޅު ހިއްކަން ފަށާފަ އެވެ. އެކަމަކު އެއީ މާލެއާ ބްރިޖަކުން ގުޅުވާލެވޭނެ ތަނެއް ވެސް ނޫނެވެ.

އެހެންވެ މި ކަންބޮޑުވުންތައް ހިއްސާކުރަން "ގިރާވަރު މާލޭ ރަށްވެހިންގެ ސައްލާ" ބާއްވަން ކުޑަތަންވެފައި ވަނިކޮށް ކުއްލިގޮތަކަށް އެޗްޑީސީން ވަނީ ބަޔާނެއް ނެރެ، އެ ބަޔާން މިކަމުގައި އިސްކޮށް އުޅުނު ފަރާތްތަކާ ހިއްސާކޮށްފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މާލެ ސަރަހައްދުގެ ބިންތައް ހިއްކުން ހަލުވިކުރަން އިތުރު ތިން ޑްރެޖަރު އަންނަ އޮކްޓޯބަރު މަހު ބޭނުންކުރަން ފަށާނެ ކަމަށެވެ.

މިއީ އެ ހަރަކާތް ހުއްޓުވަން ރަސްމީ ބަންދު ދުވަހެއްގައި ކުއްލިގޮތަކަށް އެޗްޑީސީން ނެރުނު ބަޔާނެކެވެ. އެކަމަކު ޖަމިއްޔާތަކުން ތިބީ އެފަދައިން ނެރޭ ބަޔާންތަކަށް ހެއްލި އެ މީހުންގެ ހައްގު ހޯދަން ކުރަމުން އަންނަ މަސައްކަތް ހުއްޓާލާގޮތަކަށް ނޫނެވެ. އެ މީހުންނަށް ގޯތީގައި ގެ އެޅޭނެ މަގެއް ފެންނަންދެން އެ ހަރަކާތް ކުރިއަށްގެންދަން އެ މީހުން ވަނީ ނިންމާފަ އެވެ.