މާލޭގެ މަސް މާރުކޭޓު ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހެދި ދެ އެއްބަސްވުމެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހަޅުއްވާފައިވަނީ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، ސައިފް ފާތިހް އެވެ.
މި މައްސަލައަކީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު 6.1 މިލިއަން ޑޮލަރަށް މާލޭ މަސް މާރުކޭޓު ތަރައްގީ ކުރުމަށް ހަވާލުކޮށްފައި ވަނިކޮށް، މޭޔަރު ކަމުގެ ގޮނޑި ހުސްވި ދުވަސްވަރު އެ މަޝްރޫއަށް 3.5 މިލިއަން ޑޮލަރު އިތުރުކޮށް ޖުމްލަ 9.5 މިލިއަން ޑޮލަރަށް އެހެން ބަޔަކާ މަޝްރޫއު ހަވާލުކުރި މައްސަލަ އެކެވެ.
ސައިފް ވިދާޅުވީ ކައުންސިލްގެ ފަރާތުން މަސްމާރުކޭޓުގެ އައު އެއްބަސްވުމުގައި ސޮއިކުރީ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ގާސިމް ކަމަށާއި، އެ އެއްބަސްވުމުގައި ސޮއިކުރި ސަބަބާއި، އަގަށް 3.5 މިލިޔަން ޑޮލަރު އިތުރުވި ގޮތް ސާފުކޮށްދެވިފައި ނުވާކަމަށެވެ.
މި މައްސަލައިގައި ސައިފް ވަނީ އަލީ ނާސިރު ކައުންސިލް ރަސްމީ ޖަލްސާއަށް ހާޒިރު ކޮށްދިނުމަށާއި، މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްދިނުމަށްވެސް ސިޓީ ކައުންސިލުގައި އެދިފަ އެވެ.
20 އޮގަސްޓްގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި މޭޔަރު އަލީ އާޒިމް ވަނީ މަސް މާރުކޭޓު އެއްބަސްވުމުގެ ބައެއް މައުލޫމާތު ހާމަކުރައްވައިފަ އެވެ. އެގޮތުން މަސް މާރުކޭޓު ތަރައްގީކުރަން 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމަކާއި، 9.5 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް އޮތްއިރު، އޭތެރެއިން ސައްހަ އެއްބަސްވުމަކީ ކޮބައިކަން ނޭނގޭ ކަމަށް އާޒިމް ވިދާޅުވި އެވެ.
ދެވަނަ ކޮންޓްރެކްޓުގައި ސޮއި ކޮށްފައިވަނީ އާޒިމް އިންތިހާބުވުމުގެ ކުރިންނެވެ. އޭރު ރައީސް މުއިއްޒު ވެރިކަމަށް ހޮވިވަޑައިގެންނެވުމާއި ގުޅިގެން މޭޔަރުކަމުގެ ގޮނޑި ހުސްވެ، ސިޓީ ކައުންސިލް ހިންގަވަމުން ގެންދެވީ މިހާރު މިނިސްޓަރުންގެ ފެންވަރުގައި ޔޫތު މިނިސްޓްރީގެ އެޑްވައިޒަރަކަށް ހުންނެވި ކުރީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.