ހޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ ޖަސްޓިން ބީބާއާއި ހެއިލީ ބީބާގެ ކައިވެނީގައި ކުނިޖެހި ދެ މީހުން ވަކިވާން އުޅޭ ކަމަށް އަޑު ފެތުރިފައި ވަނިކޮށް އެ ދެމީހުންގެ ދަރިފުޅު ޖެކް ބްލޫސް ބީބާގެ ފުރަތަމަ އުފަން ދުވަސް ފާހަގަ ކޮށްފި އެވެ.
ހެއިލީ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޖެކްއާއެކު ނަގާފައިވާ ދެ ފޮޓޯއަކާއެކު ބުނެފައިވަނީ ޖެކްއަކީ އޭނާގެ ދިރިއުޅުމުގެ އުފާވެރިކަން ކަމަށެވެ.
އެއާއެކު ހެއިލީ ވަނީ އޭނާގެ އިންސްޓްގްރާމް ސްޓޯރީގައި ޖެކްގެ އުފަން ދުވަސް ފާހަގަކުރަން ވެފައިވާ ތައްޔާރީތަކުގެ ފޮޓޯއެއް ވެސް ހިއްސާ ކޮށްފަ އެވެ.
ފާއިތުވި އަހަރަކީ ހެއިލީއަށް ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރެވުނު އަހަރެއްކަން ފާހަގަ ކޮށްލެވެ އެވެ. ޖެކްއާއެކު މައިވަންތަކަމުގެ ދަތުރު ފެށިއިރު ފިރިމީހާއާއެކު އޮތް ގުޅުން ވެސް ވަނީ އަޑިގުޑަންތަކަކަށް ވެއްޓިފަ އެވެ.
ބުނެވޭ ގޮތުގައި އެ ދެމމީހުންގެ މެދުގައި މައްސަލަތައް ޖެހެން ފެށީ ޖަސްޓިންގެ އެންމެ ފަހުގެ އަލްބަމް "ސްވޭގް"ގެ މަސައްކަތް ކުރިއަށް ދިޔައިރު އެ މަސައްކަތަށް ގޮސް ހުސްވެ އާއިލާއަށް ދޭންޖެހޭ ވަގުތު ނުދެވުމުންނެވެ.
އެ މައްސަލަތައް ބޮއްސުންލައި ދެމީހުންގެ ކައިވެނި ރޫޅެން އުޅޭކަމަށް ހަބަރުތައް ފެތުރުނު ނަމަވެސް އެއިން އެކަކު ވެސް އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.