ހޮލީވުޑްގެ މަޝްހޫރު ބިރުވެރި ފިލްމް ފްރެންޗައިޒް "ކޮންޖުއަރިން"ގެ އެންމެ ފަހުގެ ފިލްމު ޝޫޓް ކުރަމުން ދިޔައިރު ރޫހާނީ ކަންތައްތަކެއް ކުރިމަތިވި ކަމަށް ފިލްމުގެ ޑައިރެކްޓަރު މައިކަލް ޗަވޭޒް ބުނެފި އެވެ.

އެ ފްރެންޗައިޒްގެ ދަށުން ނެރޭ އެންމެ ފަހު އިންސްޓޯލްމަންޓް "ކޮންޖުއަރިން: ދަ ލާސްޓް ރައިޓްސް"ގެ ޝޫޓިންގެ މަސައްކަތްތައް ނިމި ރިލީޒް ކުރަން މިހާރު ވަނީ ތައްޔާރުވެފަ އެވެ.

މި ފިލްމާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދެމުން މައިކަލް ބުނީ ފިލްމުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު ފިލްމުގެ ތަރިންނާއި ކްރޫއިންގެ އިތުރުން ޚުދު އޭނާއަށް ވެސް އެފަދަ ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށެވެ.

އެ ތަޖުރިބާތަކުގެ ސަބަބުން މިހާރު އޭނާއަކީ ރޫހާނީ ކަންކަމުގެ ބާރު ހިތުގެ އަޑިން ގަބޫލުކުރާ މީހެއް ކަމަށް ވެސް މައިކަލް ބުނެފައިވެ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު އެ ފިލްމު ރިލީޒްކުރާއިރު މައިކަލްގެ އެ ވާހަކަތަކަކީ ފިލްމު ޕްރޮމޯޓްކުރަން ދެއްކި ވާހަކަތަކެއވް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

ކޮންޖުއަރިންގެ ފިލްމުތަކަކީ އާދަޔާހިލާފަށް ބިރުވެރި ފިލްމުތަކަކަށްވާއިރު މީގެ ކުރީގެ ފިލްމުތައް ބެލި މީހުންނަށް ނަފްސާނީ ގެއްލުންތައް ވެސް ލިބިފައިވާ ކަމަށް ބުނެވެ އެވެ.