ރާއްޖޭގައި މިހާރު ހިންގާ މީޑިއާތަކަކީ ފައިސާ ދޭ ކޮޅަކަށް ބުރަވާ މީޑިއާތަކެއް ކަމަށާއި، އަބަދު ފައިސާ ދޭ ކޮޅަކަށް މީޑިއާއިން ޚަބަރުތައް ލިޔާ ނަމަ ދުވަހަކު ވެސް ރާއްޖޭގައި މީޑިއާ ކުރިނާރާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށާއި މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނަށް ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް, ސަރުކާރާ ގުޅުން ބޮޑު, ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، އެ ބިލު ބައިނަލްއަގުވާމީ ގިނަ މިންގަނޑުތަކަށް ފެތޭ ކަމަށެވެ.

އެގޮތުން އިނގިރޭސިވިލާތުގައި 2024ވަނަ އަހަރު އަމަލުކުރަން ފެށި މީޑިއާ ގާނޫނުގެ މައިގަނޑު ބައިތައް އެބަހުރި ކަމަށާއި، ވިލާތުގެ އިއްތިހާދުގެ ޑައިރެކްޓިވް ބައިތަކާއި ބިލުގެ ބައެއް ބައިތައް އެއްގޮތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މީޑިއާތަކަށް މިހާރު އޮތް ގޮތަކީ ރަނގަޅު ގޮތްތޯ ސުވާލު އުފައްދަން އެންމެ ރަނގަޅު ވަގުތަކީ މިއީއެވެ. ނާޒިމް ވިދާޅުވިގޮތުގައި ކޮމިޓީ މަރުހަލާގައި މީޑިއާ އާ ބައްދަލުކޮށް މީޑިއާގެ ކަންބޮޑުވުން ހުރި ކަމަށްވާ ނަމަ، މީޑިއާ އާ ވާހަކަ ދެކެވި އެންމެން އެއްބަސްވެވޭ ހައްލަކަށް އާދެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ މީޑިއާތަކުގެ މިހާރުގެ ހާލަތަށް ބަލާލާއިރު ފެންނަމުން ދަނީ އެއްވެސް ހިފެހެއްޓުމެއް ނެތި އެއްވެސް އިމެއް ނެތި މީހުންގެ އަބުރަށް އަރައިގަތުމާއި މީހުންގެ އާންމު މަސްލަހަތު ގެއްލުވާލުމާއި ކުދިކުދި ރަށްރަށާއި އަދި ގައުމުގެ ވަކި ސަރަހައްދުތަކުގެ ވެސް މަސްލަހަތު ގެއްލޭ ގޮތަށް ޙަބަރުތައް ފަތުރާތަން ކަމަށެވެ.

މިހާރު ހިންގާ މީޑިއާތަކަކީ "ޗެކްބުކް" މީޑިއާތަކެއްގެ ގޮތުގައި ސިފަކުރައްވައި ނާޒިމް ވިދާޅުވީ، މީޑިއާތަކަށް މަހުޖަނުންނާއި ފައިސާވެރިން ފައިސާ ދިނުމުން ފައިސާ ދޭ ގޮތަކަށް މީޑިއާތަކުން ސުރުޚީ ޖަހައިދޭ ކަމަށާއި، ބޭރު ގައުމުތަކުގައި ވެސް ކަން ހިނގަނީ އެ އުސޫލުން ކަމަށެވެ.

މީޑިއާތައް ވަކި ބައެއްގެ ދަށުގައި އޮންނަން ނުޖެހޭނެ ކަމަށް ވިދާޅުވެ، ނާޒިމް ވިދާޅުވިގޮތުގައި ޒިންމާދާރުކަމާ އެކު ނޫސްވެރިކަން ކުރާ ނޫސްވެރިންނަށް އެންމެ ފައިދާ ބޮޑުވާނީ މިނިވަން މީޑިއާ އޮވެ، މީޑިއާތަކުން އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތެއް ހޯދުމުންނެވެ.

ނާޒިމް ވިދާޅުވީ އަބަދު އަބަދު އެ ވެރިކަމަށް އަންނަ ސަރުކާރެއްގެ ފަހަތުގައި ސަރުކާރުންދޭ އެއްޗެއް ބަލައިގަނެގެން ސަރުކާރަކުން ބޭނުންވާ ގޮތަކަށް ޚަބަރުތައް ލިޔެގެން އެހެން ކަންތައްކުރާ ކަމަށްވާ ނަމަ ރާއްޖޭގަ ނޫސްވެރިކަން ދުވަހަކު ވެސް ކުރިއަކަށް ނާރާނެ ކަމަށެވެ.

މި ފަހަރު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ގާނޫނު" އުފެއްދުމުގެ ގޮތުން ހުށަހެޅި އެ ބިލުގައި ވާގޮތުން މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފައްދަން ޖެހެ އެވެ.

އެ ކޮމިޝަން އުފައްދަނީ ރައީސުލްޖުމްހޫރިއްޔާއަށް ބާރުތަކެއް ލިބޭ ގޮތަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ތިން މެންބަރުން ހިމެނޭނެ އެވެ. ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ. އޭގެ ތެރެއިން ކޮމިޝަންގެ ރައީސް އައްޔަނުކުރައް ވާނީ ވެސް މަޖިލީހަށް ހުށަހަޅުއްވައިގެން ރައީސުލްޖުމްހޫރިއްޔާ އެވެ.

ނަމަވެސް، ކުރިން ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ވެސް އައްޔަނުކުރާނީ ކޮމިޝަންގެ ތެރެއިން ނަގާ ވޯޓަކުންނެވެ.

މި ބިލުގައި މީޑިއާގައި މަސައްކަތްކުރާ މީހުންނާއި ނޫސްވެރިންނާ މެދު އަޅާނެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. ބޮޑެތި ޖޫރިމަނާތަކުގެ އިތުރުން ކޮމިޝަނުން މީޑިއާއެއްގެ މައްޗަށް ބަލާ މައްސަލައަކާ ގުޅިގެން، އެ މައްސަލައެއް ބަލާ ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭ ގޮތަށް ބިލުގައިވެ އެވެ.