މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގެ ތަރި މެތިއު ޕެރީއަށް މަސްތުވާތަކެތި ވިއްކި ކަމުގެ ތުހުމަތު ކުރެވޭ ޖަސްވީން ސަންގާ އެ ތުހުމަތުތަކަށް އިއުތިރާފުވާން އެއްބަސްވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މެތިއުގެ މަރުގެ މައްސަލާގައި ޖަސްވީންގެ މައްޗަށް ކުރެވިފައިވާ ދައުވާތަކަށް ކުރިއަށް އޮތް ފެޑެރަލް ކޯޓުގެ ޝަރީއަތުގައި އޭނާ އިއުތިރާފްވާނެ އެވެ.
އެ މައްސަލާގައި ޖަސްވީންއަށް ކުރެވިފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި އެނގިހުރެ މީހަކަށް މަސްތުވާތަކެތި ވިއްކުމުގެ އިތުރުން މަސްތުވާތަކެތި ވިއްކައިގެން ޖިސްމާނީ ގެއްލުމަކަށް ނުވަތަ މަރަށް މަގުފަހި ކުރުވުމުގެ ދައުވާ ތަކެވެ.
މެތިއުގެ މަރުގެ ރިޕޯޯޓުގައި "ކެޓަމައިން ކުއީން"ގެ ނަމުން މުހާތަބު ކުރެވިފައިވާ ޖަސްވީންއަކީ މެތިއުގެ އެޑިކްޝަން ދުވަސްވަރުގައި އޭނާއަށް ޑްރަގުގެ ބާވަތެއް ކަމަށްވާ ކެޓަމައިން ވިއްކި ފަރާތެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު މެތިއު ދިރިއުޅެމުން ދިޔަ ގޭގެ ތެރެއިން އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު އޭނާ މަރުވީ ކެޓަމައިން އޯވާޑޯޒް ވެގެން ކަމަށް ތަހުގީގުތަކުން ހާމަވި އެވެ.
މެތިއުގެ މަރާއެކު ހޮލީވުޑްގެ އެތެރޭގައި އޮތް ކެޓަމައިން ޑްރަގް ނެޓްވޯކް ފެންމަތިވެ އެ ނެޓްވޯކްއާ ގުޅުންހުރި ފަރާތްތައް ވެސް ތަހުގީގަށް ހާޒިރު ކުރެވިފައިވެ އެވެ.
މެތިއުއަކީ 1994 ން 2004 އަކަށް ކުރިއަށް ދިޔަ "ފްރެންޑްސް" ޝޯއިން ޗޭންޑްލާގެ ރޯލުން އާއްމުންގެ މަގުބޫލުކަން ހޯދި ފަންނާނެކެވެ.