ކައުންސިލްތަކުގެ ބާރު ހަނިވާހެން ލާމަރުކަޒީ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ތާއިދުކުރައްވައިފި އެވެ.
ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކުރާ އިސްލާހުގެ ބިލު ތަސްދީގުނުކުރަން 80 އަށްވުރެ ގިނަ ކައުންސިލްތަކުން އެދިފައިވަނިކޮށް ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި މި ބިލާ ގުޅޭގޮތުން ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި މި އިސްލާހުތަކަކީ ވަރަށް މުހިންމު އިސްލާހުތަކެއްކަމަށާއި، މިއަދު ހާލަތާ ގުޅިގެން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އިސްލާހުތަކެއް ކަމަށެވެ.
ގާސިމް ވިދާޅުވީ ރައީސް މުއިއްޒު ވިދާޅުވި ފަދައިން މި އިސްލާހުތަކަކީ، ލާމަރުކަޒީ ނިޒާމު "ހަރުދަނާ ކުރުމަށް، ޗެމްޕިއަން ކުރުމަށް" ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށާއި، މިސާލަކަށް ކުރިއަށް އޮންނަ އިންތިހާބަށް ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ.
ލާމަރުކަޒީ ގާނޫނު ކުރިން އޮތް ގޮތުން ބޮޑަށް އޮތީ ފެޑެރަލް ނިޒާމެއްގެ ސިފަތަކެއް ނަމަވެސް ގާނޫނުއަސާސީގައި ބުނާ ގޮތުން ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ރަށްތައް ހިންގާނެ ގޮތުގެ ބާރު ރަށު ކައުންސިލަށް ދިނުމަކީ ފެޑެރަލް ސިސްޓަމެއްގެ ސިފައެއް ނޫން ކަމަށެވެ.
ފެޑެރަލް ސިސްޓަމެއް ނަމަ، އަތޮޅު ނުވަތަ ރަށު ލެވެލުގައި ގާނޫނު ހެދުމުގެ ބާރު ލިބޭއިރު، އަދި އެ ލެވެލަށް ލިބިދޭ ބާރު މައި ސަރުކާރުން ބޭނުންވެއްޖެ ނަމަ އަތެއް ވެސް ނުލެވޭނެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ.
އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.
މީގެ އިތުރުން އެ އިސްލާހުގައި ބުނެފައިވަނީ ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އަހަރު ދުވަހެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ނުކުރުމަށެވެ.
އޭގެ ތެރޭގައި ކައުންސިލް އިދާރާއަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުންކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުންކައުންސިލްތަކަށް އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން ހިމެނެއެވެ.