އެއްލައްކަ ރުފިޔާއާ ހަމައަށް އިސްލާމިކް ފައިނޭންސް ފަންޑިން ލިބޭ މުބާރާތެއް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާނުކޮށްފި އެވެ.
އެމްއެމްއޭއިން އިއުލާނުކުރީ ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖެވެ. މަރުކަޒީ ބޭންކުން ބުނީ މުބާރާތް ކުރިއަށްގެންދިއުމުގެ މަގްސަދަކީ މާލީ ހޭލުންތެރިކަމާއި އަދި ވަކިން ޚާއްސަކޮށް ރާއްޖޭގެ އިސްލާމީ ފައިނޭންސްގެ ދާއިރާ ކުރިއެރުވުން ކަމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.
ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ބަހާލާފައިވަނީ ދެ ގިންތިއަކަށެވެ. ފުރަތަމަ ގިންތި އަމާޒުކޮށްފައިވަނީ އިސްލާމީ ފައިނޭންސިންއަށް އާ ހައްލުތަކާއި ގުޅޭގޮތުންނެވެ. މި ގިންތި އަމާޒުކޮށްފައިވަނީ ޒުވާނުންނާއި، ސްޓާޓްއަޕްތަކާއި، ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އިޖްތިމާޢީ ވިޔަފާރިވެރިންނަށެވެ. މި ގިންތި ފަރުމާކޮށްފައިވަނީ ޝަރީޢާއާ އެއްގޮތްވާ ޙައްލުތަކުގެ ޒަރީޢާއިން މާލީ ނިޒާމު ވަރުގަދަކުރެވޭނެ ޚިޔާލުތަކާއި ނަމޫނާ ތަކަށެވެ. 18 އަހަރުން މަތީގެ ވަކިވަކި ފަރުދުންނާއި އަދި ތިން މެމްބަރުންގެ ޓީމްތަކަށްވެސް މި ގިންތީގައި ބައިވެރިވެވޭނަކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.
ފުރަތަމަ ގިންތީގެ ޗެލެންޖް ކާމިޔާބުކުރާ ފަރާތަކަށް 30،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމާއި ފަންޑިން، މެންޓާޝިޕް ފުރުޞަތުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދެވަނަ ގިންތި އަމާޒުކޮށްފައިވަނީ "ދިރާސާއާއި ސިޔާސަތުގެ އަލީގައި ވަށައިޖެހޭ އިސްލާމިކް ފައިނޭންސް ނިޒާމެއް" މި މައުޟޫއަށެވެ. މި ބައި އަމާޒުކުރެވިފައިވަނީ ދިރާސާކުރާ ފަރާތްތަކާއި، ދައިރާގެ ފަންނީ ތަޖުރިބާކާރުންނާއި އަދި މުއައްސަސާތަކަށެވެ. މި ބައި އަމާޒުކުރެވިފައިވަނީ އިސްލާމިކް ފައިނޭންސްގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަމާއި އަދި އިޖްތިމާއީ އަސަރު އިތުރުކުރުމަށް ދިރާސާއާއި ސިޔާސަތުގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ހުށަހެޅުންތަކަށެވެ. މި ބައިގައި އަލިއަޅުވާލެވޭ ދާއިރާތަކުގެ ތެރޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި، މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި އަދި ސިޔާސަތު އެކުލަވާލުން ވަނީ ހިމަނައިފަ އެވެ.
ދެވަނަ ގިންތީގައި ބައިވެރިވާ ފަރާތްތަކުން ވާދަކުރާނީ އެއްލައްކަ ރުފިޔާގެ ފަންޑަކަށް ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.
އެމްއެމްއޭއިން ބުނީ، މުބާރާތުގައި އެ އިދާރާގެ މުވައްޒަފުންނާއި އެމްއެމްއޭގެ ޕާޓްނަރުންނަށް ވާދަނުކުރެވޭނެ ކަމަށެވެ.
އެމްއެމްއޭއިން ވަނީ ދުޅަހެޔޮ މާލީ ނިޒާމަކާއި ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީގެ ޒަރިއްޔާއިން މުޖުތަމަޢު ބާރުވެރިކުރުވުމަށް ތަމްވީލް ފިންލެޓް ފެސްޓިވަލް ފަށައިފައެވެ. ފެސްޓިވަލްގައި އިންމްޕެކްޓް ޗެލެންޖުގެ އިތުރުން، ފިންލެޓް ޗެލެންޖާއި އިކޮންކުއެސްޓް ބަހުސް މުބާރާތުގެ އިތުރުން ފިއުޗަރ ފައިނޭންސްގެ ނަމުގައި ބާއްވާ މަޒުމޫނު މުބާރާތް އަދި ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތުގެ އިތުރުން ކުރު ވީޑިއޯ ހެދުމުގެ މުބާރާތެއްވެސް ހިމެނޭކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.