އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު މިއަދު ތަޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު އެމްޑީޕީ އޮފީހަށް ގެއްލުން ދިން މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ސިޔާސީގޮތުން މާލެ ތެރެ ހަލަބޮލިވާ ދުވަސްވަރު މީގެކުރިން ވެސް އެ ޕާޓީގެ އޮފީހަށް ގެއްލުންދީފައިވެ އެވެ. ލޯކަލް ކައުންސިލް އިންތިޚާބަށްފަހު އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމާ ދެމެދު އަންނަނީ ބަހުގެ ހަމަލާތަކެއް ރައްދު ކުރަމުންނެވެ.
މިއަދު މެންދުރު ބައެއް ވޯޓު ފޮށިތައް އަލުން ގުނުމުގެ މަސައްކަތް ކުރަން ނިންމާފައި ވަނިކޮށް ޕީޕީއެމްގެ ބައެއް ކެންޑިޑޭޓުންނާއި އެ ޕާޓީގެ ބައެއް ސަޕޯޓަރުން ވަނީ ބާ ޖަމާލުއްދީނަށް ގޮސް އިހްތިހާޖުކޮށްފަ އެވެ. ޕީޕީއެމް އިން ތުހުމަތު ކުރަނީ އިލެކްޝަންސް ކޮމިޝަނުން އިންތިިޚާބުގެ ނަތީޖާ އޮޅުވާލަން އުޅޭ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މިއަދު ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ.
މިއަދުގެ އިހްތިޖާޖު ހޫނުވެފައި ވަނިކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުއްލި ގޮތަކަށް އިހްތިޖާޖުގެ ބައިވެރިންގެ ތެރެެއަށް ވަދެވަޑައިގެންފަ އެވެ. އެއާއެކު އިތުރަށް އިހްތިޖާޖު ހޫނުވި އެވެ.
އެއަށްފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެތަނަށް ވަޑައިގަތީ ޕީޕީއެމްގެ ސަޕޯޓަރުން އެތަނުގައި ތިބުމުން ކަމަށާއި ޕީޕީއެމްގެ ބޭފުޅުންނަށް އެތަނަށް ވަދެވިގެން ނުވާނެ ކަމަށެވެ.