ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގައި ހިމެނޭ ދިފާއީ ހެކީންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒުފޯރުވާފައިވާކަން ހާމަވެއްޖެ އެވެ.
އެ މައްސަލައިގެ ދިފާއީ ހެކީންގެ ގޮތުގައި ހިމެނޭ ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު ނަރީޝް އާއި އެފްއެސްއެމްގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ވަނީ ހެކިބަސް ދިނުމަށް އުޒުރުވެރިވެފަ އެވެ. ނަމަވެސް އިދިކޮޅު ލީޑަރެއްގެ ގޮތުގައި ޔާމީން ހުންނެވިއިރު، އެ ދެ ބޭފުޅުން ވެސް ވަނީ އެ މައްސަލާގައި ހެކިބަސް ދީފަ އެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިން އާއި ރިޝްވަތުގެ ދައުވާގައި އިއްވާފައިވާ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން އަމުރުކުރި އެވެ.
އެ އަމުރާ ގުޅިގެން ކްރިމިނަލް ކޯޓުން މައްސަލަ ބެލުމުގެ ތެރެއިން ދިފާއީ ހެކީންގެ ގޮތުގައި ނަރީޝް އާއި ޝުއާއު ހާޒިރުކުރަން އުޅުމުން އެ ދެ ބޭފުޅުން ވަނީ އެ ދުވަސްވަރު ރާއްޖެ ދޫކޮށް ވަޑައިގެންފަ އެވެ.
"އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްުޔާ މުހައްމަދު މުއިއްޒު ސީދާ ގުޅުއްވާފައި ހެކިބަސް ދޭން ނުދާށޭ ނުބުނާހާ ދިފާއުގައި ހެކިބަސް ދޭން ވަޑައިގަންނަވާނެ ނަރީޝް ވިދާޅުވި ކަމަށެވެ.
ޔާމީން ވިދާޅުވީ ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ހެކިބަސް ނަގަން ތާވަލުކުރި ޝަރީއަތުގެ މަޖިލީހުގެ ކުރިން ނަރީޝް އާއި ޝުއާއު އަށް ވެސް އެމަނިކުފާނު ގުޅުއްވި ކަމަށެވެ.
"އެ ދެމީހުންނާ ވެސް އަޅުގަނޑު ގުޅިން އިނގޭތޯ؟ އަޅުގަނޑު ކައިރީގައި ނަރީޝް ބުނި ރައީސްއޭ ކަނޑައެޅިގެން އަޅުގަނޑަށް ގުޅާފައި ރައީސް މުއިއްޒު ތިމަންނަ ގޮސްގެން ނުވާނެޔޭ ވިދާޅުނުވާހާ ހިނދަކު ތިމަންނަ ދާނަމޭ ރައީސްއޭ ހެކިބަސް ދޭން، ޝުއާއު އަޅުގަނޑު ކައިރީގައި ބުނި ރައީސް މުއިއްޒު ތިމަންނަ ކައިރީގައި ނުދާށެ ވިދާޅުވި ނަމަވެސް ރައީސްއޭ ތިމަންނަ ދާނަމޭ، އެއީ ދެން މީހުންގެ ވާހަކަ ހުންނަ ގޮތާއި މީހުންގެ އަމަލު ހުރިގޮތް ދެއްތޯ އެއީ؟ ދެން ކީއްތޯ ކުރާނީ؟" ޔާމީން ވިދާޅުވި އެވެ.
އެހެންކަމުން އެ ދެ ބޭފުޅުން ޔާމީންގެ ދިފާއުގައި ހެކިބަސް ދޭން ވަޑައިނުގަންނަވަން ނިންމީ ސީދާ ރައީސް މުއިއްޒު އަންގަވައިގެންކަން ހާމަވެ އެވެ. ނަރީޝް ހުންނެވީ ރައީސް މުއިއްޒު އައްޔަން ކުރެއްވި ސިޔާސީ މަގާމެއްގަ އެވެ. އަދި ޝުއާއު ހުންނެވީ ރައީސް މުއިއްޒުގެ އެންގެވުމަށް ޕީބީސީން އައްޔަންކުރި މަގާމެއްގަ އެވެ.