މިއަހަރުގެ އެންމެ ކާމިޔާބު އެއް ބޮލީވުޑް ފިލްމު ކަމަށްވާ "ސައްޔާރާ" ރިލީޒް ކުރިތާ އެއް މަސް ވެސް ނުވަނީސް އެ ފިލްމު އޯޓީޓީ ޕްލެޓްފޯމަށް އަންނަން ތައްޔާރުވެއްޖެ އެވެ.
"ސައްޔާރާ" ޕްރޮޑިއުސްކުރި ޔަޝް ރާޖް ފިލްމްސްގެ ކާސްޓިން ޑައިރެކްޓަރު ޝާނޫ ޝަރްމާ ވަނީ އެ ފިލްމު ނެޓްފްލިކްސްއަށް އަންނަކަން ޔަގީން ކޮށްދީ އެ ތާރީހު ވެސް އިއުލާން ކޮށްފަ އެވެ.
އެގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން ބެލުންތެރިންނަށް "ސައްޔާރާ" ނެޓްފްލިކްސް މެދުވެރިކޮށް ބެލޭނެ ކަމަށް ޝާނޫ ބުންޏެވެ.
މިއީ ބޮލީވުޑް ފިލްމެއް އެހާ އަވަހަށް އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒްކުރާ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެ އެވެ. "ސައްޔާރާ" އަދިވެސް ދަނީ އިންޑިއާގެ ސިނަމާތަކުގައި ދައްކަމުންނެވެ.
ބޮލީވުޑަށް އަލަށް ތައާރަފްވި އަހާން ޕާންޑޭއާއި އަނީތު ޕައްޑާ ލީޑު ރޯލުން ފެނިގެންދާ "ސައްޔާރާ"އަށް ވަނީ މިހާތަނަށް ވެސް ގްލޯބަލް ބޮކްސްއޮފީހުގައި 500 ކްރޯޑް ލިބިފަ އެވެ. މިއީ ބޮލީވުޑްގެ ތާރީހުގައި ވެސް ލޯބީގެ ފިލްމަކަށް ލިބުނު އެންމެ ބޮޑު އާމްދަނީ އެވެ.
"ސައްޔާރާ"ގެ ކާމިޔާބީގެ ފަހަތުގައި ވަނީ ލީޑު އެކްޓަރުންގެ ހުށައެޅުމާއި ފިލްމުގެ ވާހަކައިގެ އިތުރުން ރީތި ލަވަތައް ކަމަށް ފާޑުކިޔުންތެރިން ބުނެ އެވެ.