މިދިޔަ ޖުލައި މަހު މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ 3.39 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 15.4 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، ޖުލައި 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.8 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، ޖުލައި 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ޖުލައި 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ލިބުނު އާމްދަނީ އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހާއި އެއާޕޯޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

މިއީ، ޖުލައި 2024 އާ އަޅައިބަލާއިރު ޖުލައި 2025 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 15.0 ޕަސެންޓް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ. މީގެ އިތުރުން، 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީވެސް ޖުލައި 2025 ގެ އާމްދަނީ އިތުރުވެފައިވާ ސަބަބެކެވެ.

ޖޫން 2025 އަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 12.8 ޕަސެންޓް އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ލިބުނު އާމްދަނީ އާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހާއި އެއާޕޯޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުންނާއި ބޭންކްތަކުން ދައްކަން ޖެހޭ އިންކަމް ޓެކުހުގެ ބަޔާން ހުށަހަޅައި، ސުންގަޑިއަށް ފައިސާ ދައްކާފައިވުމުގެ ސަބަބުން އަންދާޒާކުރި އާމްދަނީ އާ އަޅައިބަލާއިރު، ބަލައިގަތް އާމްދަނީ ވަނީ އިތުރުވެފަ އެވެ.

މީގެ އިތުރުން، ޖުލައި 2025 ގައި ލިބިފައިވާ އާމްދަނީގެ 14.9 ޕަސެންޓަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާއެވެ. މީގެ އިތުރުން، އާމްދަނީގެ 7.4 ޕަސެންޓް ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށާއި މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް މީރާ އިން ބުންޏެވެ.

ޖުލައި 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 48.9 ޕަސެންޓް ނުވަތަ 165.6 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އެވެ. އެއީ 31.7 ޕަސެންޓް ނުވަތަ 107.2 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 159.7 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 149.5 މިލިއަން ރުފިޔާ، ޑިޕާޗާ ޓުކުހުގެ ގޮތުގައި 139.9 މިލިއަން ރުފިޔާ އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 69.7 މިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ.

ޖޫން 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 105.85 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.