ތުރުކީގެ ވެރިރަށް އިސްތަމްބޫލުގައި ހުރި ޗެނެލްގެ ފިހާރައަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް ވަންނަން އުޅެނިކޮށް އޭނާ ހުއްޓުވައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާގައި ފިހާރައިގެ ސެކިއުރިޓީ ސްޓާފުން ޖޭލޯ ފިހާރައަށް ވަނުން ހުއްޓުވާފައިވަނީ ފިހާރަ ފުރިފައިވާ ކަމަށް ބުނެ އެވެ.

ޗެނެލްގެ ފިހާރައަށް ވަނުން ހުއްޓުވުމުން ޖޭލޯ ވަނީ އެކަން މާ ބޮޑު ކަމަކަށް ނުހަދައި އެ ހިސާބުގައި ހުރި އިތުރު ފިހާރަތަކަށް ގޮސްފަ އެވެ.

ފަހުން ޗެނެލްގެ މުވައްޒަފުންނަށް އެކަން އެނގުމުން ޖޭލޯ އެ ފިހާރައަށް އައުމަށް ދައުވަތު ދިން ނަމަވެސް އޭނާ ވަނީ އެ ދައުވަތަށް އިންކާރު ކޮށްފަ އެވެ. އޭގެ ބަދަލުގައި ޖޭލޯ ވަނީ ޗެނެލްގެ ވާދަވެރި އެހެން ބްރޭންޑްތަކުން ވިޔަފާރި ކޮށްފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޖޭލޯ ތުރުކީއަށް ގޮސް އުޅުނީ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހު އޮތް ޔެނިކެޕި ފެސްޓިވަލްގައި ހުށައެޅުމެއް ހުށައަޅައި ދިނުމަށެވެ.

އެ ހުށައެޅުމަކީ އޭނާގެ "އަޕް އޯލް ނައިޓް: 2025 ޓުއާ"ގެ ތެރެއިން ތުރުކީގައި އޭނާ ހުށައަޅާ ދެވަނަ ހުށައެޅުމެވެ. ތުރުކީއަށްފަހު އޭނާގެ ކުރިއަށް އޮތް މަންޒިލަކީ އިޓަލީ އެވެ.